ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އިޒްރޭލުގެ ސަރުކާރުން ދެވަނަ ފުރަބަންދެއް އިއުލާން ކުރާނެކަން ހާމަކުރުމުން އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގެ ހައުސިން މިނިސްޓަރ ޔާކޫފް ލިޓިޒްމެން މަގާމުން އިސްތިއުފާ ދީފިއެވެ.
މަގާމުން އިސްތިއުފާ ދިނުމަށްފަހު ލިޓިޒްމަން ބުނެފައިވަނީ އިޒްރޭލު ސަރުކާރުން އިއުލާން ކުރުމަށް ތައްޔާރުވަމުންދާ ދެވަނަ ފުރަބަންދާއި ގުޅިގެން މިމަހުގެ ފަހުކޮޅު އަންނަ ޔަހޫދީންގެ ދީނީ ހާއްސަ މުނާސަބުތައް ފާހަގަ ނުކުރެވޭނެ ކަމަށެވެ. އަދި ފުރަބަންދާއި ދެކޮޅު ހެދުމުގެ ގޮތުން ސަރުކާރަށް ކުރަމުން އައި ތާއީދުވެސް އަނބުރާ ގެއްނާނެ ކަމަށް ލިޓިޒްމެން ބުނެފައި ވެއެވެ.
ކޮވިޑް-19 ފެތުރުން އިޒްރޭލުގައި ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އެގައުމުގެ ސަރުކާރުން ނިންމައިފައިވަނީ މިހަފްތާގެ ހުކުރު ދުވަހުން ފެށިގެން އެގައުމުގައި އަނެއްކާވެސް ފުރަބަންދު އިއުލާން ކުރުމަށެވެ.
މި ހަފްތާގެ ހުކުރު ދުވަސް، ސެޕްޓެންބަރު 13 ދިމާވަނީ ޔަހޫދީންގެ އާ އަހަރު ފެށޭ ދުވަހާއެވެ. އަދި ޔަހޫދީންގެ އެންމެ މުގައްދަސް ދުވަސް ކަމަށްވާ މިމަހުގެ 27 ވާ އާދިއްތަ ދުވަސްވެސް މި އާ ފުރަބަންދާއި ގުޅިގެން ޔަހޫދީންނަށް ފާހަގަ ނުކުރެވޭނެއެވެ. މިމަހުގެ 27 ވާ އާދިއްތަ ދުވަހަކީ ޔަހޫދީންގެ ޔަމް ޗިޕޯރ ދުވަހެވެ.
ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އިޒްރޭލުން އެންމެ ފުރަތަމަ އެގައުމުގައި ފުރަބަންދު އުއުލާން ކޮށްފައިވަނީ، މާރޗް މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހުގެ ކުރީ ކޮޅަށެވެ.
އާބާދީގައި ނުވަ މިލިއަނެއްހާ މީހުން ދިރިއުޅޭ އިޒްރޭލުގައި ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭ ދުވާލެއްގެ މައްޗަށް 3،000 ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައި ވެއެވެ.



