ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް އެގައުމުގައި ކުރި މުޒާހަރާ ހޫނުވެ މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން 74 މީހުން ހައްޔަރު ކޮށްފިއެވެ.
މިއީ މިހަފްތާ ބަންދުގެ ތެރޭ ކުރެވުނު މިފަދަ ދެވަނަ މުޒާހަރާއެވެ. އަދި މިއަދު ކުރެވުނު މި މުޒާހަރާގައި 250 ހެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މީހުން ފުލުހުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގެ މެލްބަންގައި މިއަދު މުޒާހަރާ ކުރިއަށް ދިއައިރު ފާހަގަ ކޮށްލެވޭ އެއްކަމަކީ ޖުލައިމަހުގެ ކުރީ ކޮޅުން ފެށިގެން ވިކްޓޯރިއާ ސްޓޭޓުގައިވަނީ ފުރަބަންދު އިއުލާން ކޮށްފައެވެ. މި ސްޓޭޓަކީ އޮސްޓްރޭލިއާގައި ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރުނު ސްޓޭޓެވެ.
އޮސްޓްރޭލިއާއިން މިހާތަނަށް 33,159 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވިއިރު މީގެތެރެއިން 75 އިންސައްތަ މީހުން ނިސްބަތްވަނީ ވިކްޓޯރިއާ ސްޓޭޓަށެވެ. މީގެއިތުރުން ކޮވިޑް-19 ޖެހިގެން އޮސްޓްރޭލިއާއިން 756 މީހުން މަރުވިއިރު މީގެތެރެއިން 90 އިންސައްތަ މީހުން ނިސްބަތްވަނީ ވިކްޓޯރިއާ ސްޓޭޓަށެވެ.
މެލްބަންގައި މުޒާހަރާތައް މިއަދު ކޮށްފައިވަނީ އިއުލާން ކޮށްފައިވާ ސްޓޭޓް އޮފް ޑިޒާސްޓާރގެ މުއްދަތު އިތުރު އެއްމަހަށް އިތުރު ކުރުމާއި ގުޅިގެންނެވެ. ސްޓޭޓް އޮފް ޑިޒާސްޓާރގެ މުއްދަތު އިތުރު ކުރުމާއެކު އޮސްޓްރޭލިއާގެ ފުލުހުންނަށްވަނީ އިޖުތިމާއީ ސިއްހަތުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އިތުރު ބާރުތައް ލިބިގެން ގޮސްފައެވެ.




