ޓިކްޓޮކް އާ ވާދަކުރުމަށް ޔޫޓިއުބުން ހެދި ޝޯޓްސް އިންޑިއާގައި ޓެސްޓު ކުރަނީ

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެޕްލިކޭޝަންއާ ވާދަކުރުމަށް އެމެރިކާގެ ޔޫޓިއުބް ކުންފުނިން ތައްޔާރު ކޮށްފައިވާ "ޝޯޓްސް" އެޕްލިކޭޝަން އިންޑިއާގައި ޓެސްޓު ކުރުމަށް ނިންމައިފައިވާކަން ޔޫޓިއުބުން ހާމަކޮށްފިއެވެ.

ޝޯޓްސް އެޕްލިކޭޝަނަކީ ޓިކްޓޮކް އެކޭ އެއްގޮތަށް 15 ސިކުންތުގެ ވީޑިއޯ އަޕްލޯޑް ކުރެވޭ ގޮތަށް ޔޫޓިއުބުން ތަރައްގީކުރާ އެޕްލިކޭޝަނެކެވެ. އަދި މި އެޕްލިކޭޝަންގައި ޓިކްޓޮކެކޭ އެއްގޮތަށް ކުރިއޭޓާ ޓޫލްސްވެސް ހިމަނައިފައިވާނެ ކަމަށް ޔޫޓިއުބުން މައުލޫމާތު ދެއެވެ.

އިންޑިއާ އަދި ޗައިނާ ހިއްސާކުރާ ބޯޑަރުގެ މައްސަލައިގައި ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވަނިކޮށް އިންޑިއާއިންވަނީ ޖޫންމަހު ޓިކްޓޮކް ހިމެނޭގޮތުން ޗައިނާގެ 58 އެޕްލިކޭޝަންއެއް އިންޑިއާގައި ބޭނުންކުރުން މަނާކޮށްފައެވެ.

އިންޑިއާގައި ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ކުރުން މަނާކުރުމުގެ ކުރިން އިންޑިއާގެ މާކެޓަކީ ބޭރު މާކެޓުތަކުގެ ތެރެއިން ޓިކްޓޮކަށް އެންމެ މުހިންމު އަދި އެންމެ ބޮޑު މާކެޓެވެ. މިގޮތުން އިންޑިއާގެ 120 މިލިއަނާ ގާތްކުރާ އަދަދަކަށް އިންޑިއާ މީހުން ޓިކްޓޮކް ބޭނުން ކުރަމުން ގެންގޮސްފައި ވެއެވެ.

ޔޫޓިއުބުން އިންޑިއާގައި ޝޯޓްސް ޓެސްޓު ކުރަން ނިންމައިފައިވަނީ އިންޑިއާގައި ޓިކްޓޮކަށް އޮތް ބޮޑު ތާއީދުގެ ސަބަބުން ކަމަށް ބެލެވެއެވެ. ނަމަވެސް ޓިކްޓޮކް ބޭނުން ކުރުން އިންޑިއާގައި މަނާކުރުމާއެކު އިންޑިއާގެ ގިނަ ކުންފުނިތަކަކުންވެސްވަނީ ޓިކްޓޮކް ނެއްތަން ފޫބެއްދުމަށް ގިނަ އެޕްލިކޭޝަންތަކެއް އުފައްދައިފައެވެ. މި އެޕްލިކޭޝަންތައް ވެގެންދާނީ ޝޯޓްސްގެ ބޮޑެތި ވާދަވެރިންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ