އިންޑިއާ ސިފައިން ހަނިމާދޫގައި ވެސް ގާއިމް ވެފައިވާ ކަމަށް ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފެފައި ވަނީ ރޭ ބޭއްވި "ޗެޓް ވިތް އުމަރު" އިވެންޓް ގައި ވާހަކަ ދައްކަވަމުންނެވެ.
މި އިވެންޓްގައި އިންޑިއާގެ މިލިޓަރީން އާއްޑޫ އާއި ލާމު އަތޮޅުގައި ތިބި މައުލޫއަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، އައްޑޫއާއި ލާމު އަތޮޅުގައި އިންޑިއާ މިލިޓަރީ މަޑުކުރާ ސަބަބަކީ އެއީ އިންޓަނޭޝަނަލް ވަރަށް މުހިންމު 2 ކަނޑުއޮޅި ކަމަށް ވުމާއި އެކު ކަމަށާއި އެމީހުން ފާރަލަނީ ރަޝިއާ އާއި ޗައިނާގެ ގުޅުންތަކަށް ކަމަށެވެ.
"އައްޑުއަތޮޅުގެ ދެކުނުން އަދި ހުވަދޫ ޗެނަލްގެ ތެރެއިން އިން ވަރަށް ގިނަ އަދަދެއްގެ ސަބްމެރީން އާއި މަނަވަރު ހުރަސްކުރާނެ. އެހެންވެގެން އެތަނުގައި ގާއިންމެގެން ތިބެނީ. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ހަނީމާދޫގައި ވެސް ގާއިމް ވުމުގެ މަސައްކަތް ފެށީ. އަޅުގަނޑަށް އެނގިފަ އޮތް ގޮތުގައި ސަރުކާރުން އެކަމަށް އެއްބަސްވެސް ވޭ. ހަނިމާދޫގައި ވެސް ގާއިމް ވެއްޖެ ނުނީ ވުމުގެ މަގުމަތީގައި އުޅެނީ" އުމަރު ވިދާޅޫވިއެވެ.
އުމަރު ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ނުރައްކަލެއް ކަމުގައި އަޅުގަނޑު ދެކެނީ ވޭތުވެ ދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި، 2011 ވަނަ އަހަރު ނަޝީދުގެ ސަރުކާރުން ހުއްދަ ދިން ގޮތަށް ދިވެހި ރާއްޖެއަށް އިނގިރޭސި ސިފައިން އައިސް ފުރަތަމަ އައްޑޫގައި ގާއިމް ވެފައި އޭގެ ފަހުން ލާމު އަތޮޅުގައި ގާއިމް ވެފައި މިހާރު ހަނިމާދޫގައި ގާއިމްވުން ކަމަށެވެ.
"8 އަހަރު ދުވަހު ތެރޭގައި ރާއްޖޭގެ 3 ލޮކޭޝަން އެއްގައި އިންޑިއާގެ 3 އުޅަނދު ބާއްވައިގެން އިންޑިއާ ސިފައިން ފަތުރާލީމައި މީގެން ދެން ލިބޭ މެސެޖް އެންމެނަށް ވަރަށް ސާފުކޮށް ލިބެންޖެހޭނެ. މިގައުމުގެ ސިޔާސީ ޕާޓީ ތަކުގެ ހުރިހާ ބޭފުޅުންނާއި، ސަރުކާރުގައި ތިއްބެވި ހުރިހާ ބޭފުޅުންނާއި އަދި ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަށް މި މަންޒަރު ނުފެނޭބާ؟" އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖެ އައުމަށް ފުރަތަމަ ޖެހި މަޅިއަކީ އިންޑިއާގެ ހެލިކޮޕްޓަރު ރާއްޖެއަށް ދޭން ދެއްކި ވާހަކަ ކަމަށާއި ރާއްޖެ އަށް އިންޑިއާގެ 2 ހެލިކޮޕްޓަރު ދިނުމަށް ނަޝީދުގެ ސަރުކާރުން ވި އެއްބަސްވުމުގައި އޮންނަނީ 2 އަހަރު ދުވަސް ވަންދެން އެމީހުން ރާއްޖޭގައި ތިބޭށާއި 2 އަހަރު ދުވަހުގެ ތެރޭގައި ހެލިކޮޕްޓަރު ދިވެހީން ތަމްރީނު ކުރުމަށް ފަހު ދިވެހީންނަށް ހަވާލު ކުރުމަށް ކަމަށެވެ.
"ޕަބްލިކަށް ބުނެދިން ވާހަކަ އަކީ ބަލިމީހުން އުފުލަން ގެނައި އެއްޗެކޭ. ހަގީގަތަކީ ބަލިމީހުން އުފުލައި ދިނުމެއް ނޫން. އެވެސް ކުރާ ކަމެއް. ބަލި މީހުން އުފުލައި ދިނުމަކީ ބޭރަށް ދައްކާފައި ހުރި ސްޓޯރީ. މި ހެލިކޮޕްޓަރަކީ އިންޑިއާގެ ކޯސްޓްގާޑަށް ނިސްބަތްވާ ހެލިކޮޕްޓަރެއް. އިންޑިއާގެ ކޯސްޓްގާޑުން މި ހެލިކޮޕްޓަރު ކޮމާންޑް ކުރާނީ. އެމީހުންގެ މިޝަންތަކުގައި މީތި ފްލައި ކުރާނީ. އައްޑު އަތޮޅުން ނައްޓާލައިގެން އެ ދަނީ ދިވެހި ދައުލަތުގެ ހުއްދަ އޮވެގެނެއް ނޫން. ދިވެހި ދައުލަތުން ބުނެގެނެއް ނޫން. ދިވެހި ދައުލަތުގެ ބޭނުމަކުވެސް ނޫން." އުމަރު ވިދާޅުވިއެވެ.
ވަރަށް މަދު ފަހަރެއްގައި ދިވެހި ދައުލަތުގެ ބޭނުމުގައި ބަލިމީހުން އުފުލަދޭ ކަމަށާއި މައިގަނޑު މަސައްކަތަކީ ސަވައިލެންސް އޮޕަރޭޝަން ކަމަށާއި އެއީ އިންޑިއާ ސިފައިން ކުރާ މަސައްކަތަކީ އެމީހުންގެ އެނެމީއަށް ފާރަލުމުގެ މަސައްކަތް ކަމުގައި އުމަރު ވިދާޅުވިއެވެ.




