ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގަލޮޅު ދަނޑުގައި

8،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި

ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން 8،000 އަށް ވުުރެ ގިނަ ބަންގަލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް އޮޕަރޭޝަންސް މެނޭޖަރ އިބްރާހިމް ހުސެން ވިދާޅުވެއްޖެއެވެ.

އިބްރާހިމް ހުސެން މިހެން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޖުލައި 15 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 8،509 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބިރުވެރިކަމާއެކު، ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 9494 މީހުން ރާއްޖެއިން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެތެރެއިން 2,649 މީހުން ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ.

ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތުގައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަމިއްލަ ޤައުމަށް ދާން ބޭނުންވެ ދެވޭނެ ގޮތެއް ނެތިފައި ތިބި މީހުންވެސް އަންނަނީ ފޮނުވާދެމުންނެވެ. އެފަދަ ފަރާތްތައް ހޯދައި ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ވަނީ ގިނަ ޕްރޮގްރާމްތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލައަށް ޙައްލެއް ހޯދައްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ