އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ރޫތު ބޭޑާ ގިންސްބާގު އަވަހާރަވުމާއި ގުޅިގެން އެމަގާމު ފުރުއްވުމަށް ކޮންޒަވެޓިވް ފިކުރުގެ ބޭފުޅެއްކަމަށްވާ އެމީ ކޯނޭ ބަރެޓްގެ ނަން އިހުތިޔާރު ކުރެއްވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ހާމަކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބަރެޓްގެ ނަންފުޅު ހުށަހަޅުއްވަން ނިންމަވައިފައިވާކަން ވައިޓްހައުސްގައި ހުންނަވާ ޓުރަމްޕް އިއުލާން ކުރެއްވި އިރު ޓުރަމްޕުގެ އަރިހުގައި ބަރެޓްއާއި އަދި އެކަމަނާގެ ދަރިކަލުން ތިއްބެވިއެވެ.
ވައިޓުހައުސްގައި ހުންނަވާ ޓުރަމްޕް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން ބަރެޓްއަކީ ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ބޭފުޅާ ކަމަށާއި އޭނާއަކީ ފިކުރާއި ވިސްނުން ވަރަށް ރަނގަނޅު އަދި އިލްމީ ގޮތުން ފުންނާބު އުސް ބޭފުޅެއް ކަމަށެވެ.
މީގެއިތުރުން ޓުރަމްޕް ވިދާޅުވީ، މިއީ ހަޔާތުގައި ވަރަށް ބޮޑެތި ކަންކަން ހާސިލްކުރައްވާފައިވާ ފަނޑިޔާރެއް ކަމަށާއި ގާނޫނުއަސާސީއަށް ހުރިހާ ގޮތަކުން ވެސް ތެދުވެރިވާނެ ކަމަށެވެ.
އެމެރިކާގައި ސުޕްރީމް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންގެ ނަން ހުށަހަޅުއްވާ ފަރާތަކީ އެއިރަކު ހުންނަވާ ރައީސްއެވެ. ނަމަވެސް ރައީސް ހުށަހަޅާ ނަންފުޅު ފަނޑިޔާރުކަމަށް އިސްކުރެއްވުމަށް ގޮތެއް ނިންމާ ފަރާތަކީ ކޮންގްރެސްގެ މަތިގެ ކަމަށްވާ ސެނެޓެވެ. މިގޮތުން ސެނެޓުން އެ ނަންފުޅަކަށް ރުހުންދީގެން މެނުވީ އެބޭފުޅަކަށް ފަނޑިޔާރު ކަމަކަށް ނާދެވޭނެއެވެ. މިއީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރަން ޓްރަމްޕަށް ފުރުސަތު ލިބިވަޑައިގެންނެވި ތިން ވަނަ ފަހަރެވެ.



