އެންމެ ހެޔޮ މީހަކީ ކުށްކުރެވޭ ހިނދު ތަޢުބާވާ މީހާކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އެގޮތުން ޓުވިޓާ މެދުވެރިކޮށް ޑރ. އިޔާޒު ވިދާޅުވީ ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެއް ކަމަށާއި، އޭގެތެރެއިން އެންމެ ހެޔޮ މީހަކީ ކުށް ކުރެވޭ ހިނދުގައި އެކަމަށް ތަޢުބާވާ މީހާ ކަމަށެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އެމްއެމްޕީއާރސީ މައްސަލާގައި ދައުލަތުން އަދީބުގެ މައްޗަށްކުރާ 7 ދައުވާއަށް އިއުތިރާފްވެ، ކުރެވުނު ކުށްތަކަށް ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދިއްފައިވާ ދަނޑިވަޅެއްގައެވެ.
އިއްޔެ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބް ވިދާޅުވީ ކުރެވުނު ކުށްތަކަށް ތައުބާވެފައި ވާކަމަށާއި އަދި އެކަމާއިގުޅިގެން ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މާފަށްއެދޭކަމަށެވެ. އަދީބު އިތުރަށް ވިދާޅުވީ މި މައްސަލަތަކާއި ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއްޖެ ކަމަށާއި ހެދިފައިވާ ގޯސްތަކާމެދު ހިތާމަކުރައްވާ ކަމަށެވެ.
"Konme insaanaky ves kuh kureveyne meehekeve. Eyge therein enme heyo meehaky kuh kurevey hindhu ekamah thaubaa vaa meeha eve." Hadheeth.
— Dr Mohamed Iyaz (@dr_iyaz) September 30, 2020
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެކެވެ. ނަމަވެސް އެންމެ ރަނގަޅު މީހަކީ ކުށެއް ކުރުވުމުން ﷲ ގެ ހަޟްރަތުގައި އެކުށަށް އިޢްތިރާފްވެ ތައުބާވާ މީހާއެވެ.
ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ:
(كلُّ بني آدم خَطَّاءٌ، وخيرُ الخَطَّائِينَ التوابون) حديث حسن، رواه الترمذي وابن ماجه والدارمي وأحمد.
މާނައީ " ކޮންމެ އާދަމުގެ ދަރިއަކީ ކުށް ކުރާމީހެކެވެ. ކުށް ކުރާމީހުންގެ ތެރެއިން އެންމެ ރަގަޅު މީހުންނަކީ ގިނަގިނައިން ތައުބާވާމީހުންނެވެ."
ފަހެ އަހަރުމެން އެންމެންގެ އަސްލު އެބޭކަލެއްގެ ކިބައިން އައިސްފައިވާ އާދަމްގެފާނު އަދި އެކަލޭގެފާނުގެ އަނބިކަބަލުން ޙައްވާގެފާނަކީ ކުރިން ސުވަރުގޭގައި އުޅުއްވި ދެބޭކަނބަލުންނެވެ. އެދެބޭކަނބަލުން ސުވަރުގެއިން ނެރެލައްވައި ދުނިޔޭގެ ބިމަށް ފޮނުންވާ ލެއްވުނީ އިބިލީހުގެ ވަސްވާސް ތަކަށް ހެއްލި ވަޑައިގެން މާތް ﷲ އެދެބޭކަނބަލުން އިމްތިޙާން ކުރެއްވުމަށްޓަކައި، (ފަރިއްކުޅުވުން މަނާކުރެއްވި ގަހަކުން) ފަރިއްކުޅުވުމުން އޭގެ އަދަބެއްގެ ގޮތުންނެވެ. އިބިލީހަކީ ދުރުން ވަސްވާސް ދެވޭގޮތަށް އުފައްދަވާފައިވާ މަޚްލޫޤެކެވެ. އަދި އިބިލީސްވަނީ އާދަމްގެފާނާއި އެކަލޭގެފާނުގެ ދަރިން އޭނާގެ ބަހަށް ހައްލުވައި މާތް ﷲގެ މަގުން އެއްކިބާކޮށް މަގުފުރައްދާނެ ކަމަށް ވަޢުދުވެފައެވެ. އަދި އޭނާއަށް ތަބާވާ މިހުންނާއި އޭނާ ނަރަކައަށް ލައްވާނެ ކަމަށް ﷲ ވަނީ އިންޒާރު ކުރައްވާފައެވެ. އެހެންކަމުން އަހަރުމެން އިންސާނުންގެ ޢަޒުމަކަށް ވާންވާނީ އިބިލީހުގެ މި ވަޢުދު ނާކާމިޔާބުކޮށްލައި، ސުވަރުގެ ހާސިލްވާނެ މަގަކީ ކޮބައިތޯ ބަލާ އެމަގުން ކުރިއަށްދިއުމަށެވެ.
އަހަރުމެން ހުރިހާ އިންސާނުންނަކީ ދުނިޔެއަށް އަންނައިރު އެއްވެސް ކުށެއްނެތް މަޢުސޫމް ބައެކެވެ. އެކަން އަންގަވައި ކިރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ.
قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ( كُلُّ مَوْلُوْدٍ يُوْلَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُوِّدَانِهِ أَوْ يُنَصِّرَانِهِأَوْ يُمَجِسَانِهِ )
މާނައީ ރަސޫލު اللهُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ: " ދުނިޔެ އަށް އަންނަ ކޮންމެ (މީހަކަށް) ދުނިޔެއަށް އާދެވެނީ ފިޠުރަތުގެ (އިސްލާމް ދިނުގެ) ސާފު ކަން މަތީގައެވެ. ފަހެ (އެއަށްފަހު) އޭނާގެ މައިންބަފައިން، އޭނާ ޔަހޫދިއަކަށް ހަދައެވެ. ނުވަތަ ނަޞާރާއަކަށް ހަދައެވެ. ނުވަތަ މަޖޫސީއަކަށް ހަދައެވެ."
އެހެންކަމުން އިންސާނާއަކީ ދުނިޔެއަށްއުފަންވާއިރު ކުށެއްނެތް މީހަކު ކަމުގައި ވީނަމަވެސް ދުނިޔޭގެ މި ބިޔަ މާސިންގާ ހަލަބޮލި ކަނޑަށް ނިކުތުމުން އޭނާ އެބައެއްގެ އަތްމަތީގައި ތަރުބިއްޔަތުވާ ބައެއްގެ ސަބަބުން ނުވަތަ ރަނގަޅު ތަރުބިއްޔަތެއްގައި ބޮޑުކޮށްފައި ވީނަމަވެސް ދުނިޔޭގެ ދަޅަތަކަށް ހެއްލި މަގުފުރެދިގެން ދިއުމުގެ ސަބަބުން އޭނާ އަކީ ކުށްވެރިއެއްކަމުގައި ނުވަތަ ފާފަކުރާ މީހެއްކަމުގައި ވެގެންދެއެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ތިބާގެ ޙަޔާތާއިމެދު ވިސްނަވާށެވެ! ތިބާ ކުރަމުންގެންދާ ފާފަތަކާއި، ކުރެވިފައިވާ ފާފަތަކަކީ ތިބާއަށްވެސް އޭގެ އަދަދު ނޭގޭހާ ގިނަ ފާފަތަކެކެވެ. ނުވަތަ ކުށްތަކެކެވެ. ވުމާއެކު އެފާފަތަކުން ނުވަތަ ކުށްތަކުން ތިބާއަށް ލިބެމުންދާ އަދި ލިބޭނެ ގެއްލުންތަށްވެސް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ވުމާއެކު މިފާފަތަށް ނުވަތަ ކުށްތައް ކުރުން ހުއްޓާލުމަށްފަހު އެކަލާނގެއަށް ކިޔަމަންގަތުމުގެ މަގަށް އެނބުރި ރުޖޫޢުއަވުމަށް އަވަސްވެގަންނަމާ ހިނގާށެވެ.




