ހދ. ކުޅުދުއްފުށިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި މިއަދު ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެރަށުގައި ހޯމް ކަރަންޓީންގައި ހުރި ދެ މީހުންނެވެ. މި ދެ މީހުންނަކީ 17 ސެޕްޓެންބަރު 2020 ގައި މާލެއިން ކުޅުދުއްފުއްޓަށް އައިސް ހޯމް ކަރަންޓީންގައި ހުރި ދެ މީހުންނެވެ.
މިއަދު ޕޮޒިޓިވް ވެފައިވަނީ 34 އަހަރާއި 64 އަހަރުގެ ދެ އަންހެނުންނެވެ.
ކުޅުދުއްފުށިން އިތުރު ދެ މީހުން ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 7 އަށް އަރާފައެވެ. މީގެ ކުރިން އެރަށުން ޕޮޒިޓިވް ވެފައި ވަނީ އެރަށު ފާޅު ބޯޓުގެ ކެޕްޓަނާއި އެ ބޯޓުގެ ދެ ފަޅުވެރިންގެ އިތުރުން ޕޮޒިޓިވްވި ފަޅުވެރިއެއްގެ ޑައިރެކްޓް ކޮންޓެކްޓްއެކެވެ. އަދި ހޯމް ކަރަންޓީންގައި ހުރި ކުއްޖަކުވެސް މީގެ ކުރިން ވަނީ ޕޮޒިޓިވް ވެފައެވެ.
ފާޅު ބޯޓިގެ ކޭސްތަކާއި ގުޅިގެން 2020 ސެޕްޓެންބަރު 25 ވަނަ ދުވަހު ކުޅުދުއްފުށި ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި ސެޕްޓެންބަރު 28 ވަނަ ދުވަހު މޮނިޓަރިން އިން އެރަށް ނެގި އިރު ފާޅު ބޯޓު ކޭސްއާއި ގުޅިގެން ކުޅުދުއްފުށިން ނެގި ޑައިރެކްޓް ކޮންޓެކްޓްސްގެ 1 ސާމްޕަލް ފިޔަވާ އެހެން ހުރިހާ ސާމްޕަލް އެއް ވަނީ ނެގެޓިވް ވެފައެވެ.
ކުޅުދުއްފުށި ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ދާވޫދު ވިދާޅުވީ، މިއަދު ކުޅުދުއްފުށިން ޕޮޒިޓިވް ވީ މާލެއަށް ދަތުރު ކޮށްފައި އައުމަށް ފަހު ހޯމް ކަރަންޓީނު ފުރިހަމަ ކުރަމުން ދިޔަ ދެ އަންހެނުންކަމަށެވެ. އަދި މިއީ ފާޅު ބޯޓް ކުލަސްޓަރއާ ގުޅުން ހުރި މީހެއް ނޫންކަމަށެވެ.
"މިވަގުތު ޕޮޒިޓިވްވެފައި ތިބީ 7 މީހުން. އެންމެންގެ ހާލު ވެސް އާންމު ގޮތެއްގައި ރަގަޅު. ޖުމްލަ 112 މީހުން ދަނީ މި ވަގުތު ހޯމް ކަރަންޓީނު ފުރިހަމަ ކުރަމުން. އޭގެ ތެރެއިން 64 މީހުންނަކީ މާލެއަށް ދަތުރު ކުރުމަށް ފަހު ހޯމް ކަރަންޓީނު ފުރިހަމަ ކުރަމުން ގެންދާ މީހުން. 47 މީހުންނަކީ ފާޅު ބޯޓް ކުލަސްޓަރއާ ގުޅިގެން ހޯމް ކަރަންޓީނުގައި ތިބި މީހުން. އަދި ހޯމް ކަރަންޓީނަށް ފަހު ރިލީސް ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން އިތުރު އެކަކު ހޯމް ކަރަންޓީނުގައި އެބަ ހުރި." ދައޫދު ވިދާޅުވިއެވެ.



