ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް 9 އަތޮޅަކަށް ވައިޓް އެލާޓު ނެރެފި އެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ދެންމެ ނެރުނު ވައިޓު އެލާޓުގައި ބުނެފައިވަނީ ވ އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.
ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 5:00 ފެށިގެން މިރޭ 10:00 ޖެހުމާއި ހަމައަށެވެ.
Alert White in effect over the areas between Vaavu & Gaafu Dhaalu Atoll pic.twitter.com/3xEAJ5bHRZ
— Maldives Meteorology (@MetMaldives) October 3, 2020
ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ، މީގެ ތެރެއިން މަދު ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށާއި އުތުރުގެ މަދު ރަށްތަކަކަށް މިރޭ ކެރީގެ އަސަރު ފޯރިނަމަވެސް، އެއަތޮޅުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހާ ހިސާބަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީވެ، މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.



