އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ ހުކުމް އިއްވުން މިއަދު ހަވީރު 6 ޖަހާއިރު ބައްވަން ތާވަލުކޮށްފިއެވެ.
އަދީބުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
މި ދައުވާތަކަށް އިތުތިރާފު ވުމުން އަދަބެއްގެ ގޮތުގައި 20 އަހަރަށް ޖަލަށް ލުމާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން އަދީބާ އެކު އެއްބަސްވެފައި ވާނެ ކަމަށް ދައުލަތުން މިއަދު ޝަރީޢަތުގައި ބުނެފިއެވެ.
އަދީބަށް ކުރާ ދައުވާތަކާއި އަދަބުތައް:
- ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް
- ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 2 އަހަރާއި 4 މަހާއި 26 ދުވަސް
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ : 3 މަސް ދުވަސް
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ : 6 މަސް ދުވަސް
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ: 1 މަހާއި 15 ދުވަސް
- މަނީ ލޯންޑަރިންގެ ދައުވާ:5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުން - 1000000 ރުފިޔާއިން ޖޫރިމަނާ
- މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ: 5 އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށްލުން -1000000 ރުފިޔާއިން ޖޫރިމަނާ
ދައުލަތުން އުފުލި ދައުވާތަކަށް އިއުތިފާފުވެ ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން މުޅި ސަރުކާރު ގުޅިގެން ހިންގި ބޮޑު ސްކޭމެއްކަމަށާއި އަދި މިކަން ފެށިީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކަށް ބޭރުގެ އެކި ފަރާތްތަކުން 200 މިލިއަނެއްހާ ޑޮލަރު ލިބޭނެކަމަށާއި އެ ފައިސާ ލިބުމުން އަނބުރާލާ ގޮތަށް ސަރުކާރުގެ ތަންތަނުން ލާރި ނެގުމަށް ރައީސް ޔާމީން އިރުޝާދު ދެއްވުންކަމަށްވެސް އަދީބު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.



