ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު | ފޮޓޯ: މިހާރު

800 އަހަރުގެ ހުކުމް އަންނަން އޮތް މީހާގެ ނުރައްކަލެއް ނެތީތޯ ސުވާލު އުފައްދަވައިފި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ގޭ ބަންދަށް ބަދަލު ކުރުމާއި ގުޅިގެން ޑރ. ޖަމީލް އެކަމާ ސުވާލު އުފައްދަވައިފިއެވެ.

އެގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަނީ 800 އަހަރުގެ ހުކުމް އަންނަން އޮތް މީހާގެ ނުރައްކަލެއް މުޖުތަމަޢަށް ނެތީތޯ ސުވާލު އުފައްދަވާފައެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ އަދީބަށް 806 އަހަރުގެ ހުކުމް އަންނާނެ 150 ދައުވާކުރެވިދާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި އޮތުމާއި ގުޅިގެންނެވެ. ޕީޖީ ޝަމީމް މިހެން ވިދާޅުވެފައި ވަނީ އަދީބްގެ މައްޗަށް ދައުލަތުން އިއްވި 7 ދައުވާ ބާޠިލްކަމަށް ކްރިމިނަލް ކޯޓުގެ ގާޣީ އިސްމާއީލް ރަޝީދު 2020 ޖުލައި 14 ގައި ހުކުމް އިއްވުމާއި ގުޅިގެންނެވެ.

އެގޮތުން ޕީޖީ އެދުވަހު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ދައުލަތުން ކުރިއަށް ވަޑައިގަންނަވާނެ ކަމަށާއި، އަދީބުގެ މައްޗަށް ދަޢުވާތައް ކުރެވިއްޖެނަމަ 806 އަހަރުގެ ހުކުމް އަންނާނެ ކަމަށެވެ. އަދި މި އަދަދު ތަޙްޤީޤުތައް ނިމޭއިރު އިތުރުވެސް ވެދާނެ ކަމުގައި ޝަމީމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެމްއެމްޕީއާރުސީ ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރާ ހަތް ދައުވާއާގެ ޝަރީއަތް ނިމެންދެން ޖަލު ހުކުމްގައި ހުންނެވި އަދީބު މިއަދު ވަނީ ބޭ ބަންދަށް ބަދަލުކޮށްފައެވެ. މި ދަޢުވާތަކަށް އަދީބު ވަނީ ކޯޓުގައި އިޢުތިރާފްވެސްވެފައެވެ. އަދީބު ގެޔަށް ބަދަލު ކުރިއިރު މި މައްސަލަތަކުގެ ޙުކުމް އިއްވުން އަންނަ ހޯމަ ދުވަހަށް ވަނީ ހަމަޖައްސާފައެވެ.

ޑރ. ޖަމީލް ވަނީ އަދީބު ގޭބަންދަށް ބަދަލު ކުރުމާއި ގުޅިގެން ހެއްކަށް ނުފޫޒްފޯރުވުން / ފިލުމުގެ ބިރު ނެތީވެސް ސުވާލު އުފައްދަވާފައެވެ. ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް އަނިޔާކުރަން އަދީބު ހަތިޔާރަކަށް ބޭނުންކުރުމުގެ މިއަށްވުރެ ބޮޑު ދަލީލެއް ނެތްކަމަށެވެ.

"އިންޞާފުގެ ފުޅިމަދު އުނގުރިބާ؟ ސަރުކާރު ކިލަނބުވެފައިވާ ވަރު ފެނޭ" ޖަމީލް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ