ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު | ފޮޓޯ: މިހާރު

އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާވެސް ސާބިތުވާކަމަށް ނިންމައި އަދީބު 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލާން ޚުކުމް ކޮށްފައިވަނީ ދެންމެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. މީގެ އިތުރުން އަދީބު ވަނީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.

އަދީބުގެ މައްޗަށް ދަޢުލަތުން ކުރި 7 ދައުވާއަކީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިއަދު އަދީބަށް ކޮށްފައިވާ 7 ދައުވާގެ ޚުކުމްތައް:

  • ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް
  • ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ : 3 މަސް ދުވަހުގެ ޖަލު ހުކުމެއް
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ : 6 މަސް ދުވަހުގެ ޖަލު ހުކުމެއް
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ: 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް
  • މަނީ ލޯންޑަރިންގެ ދައުވާ: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުން އަދި 1000000 ރުފިޔާއިން ޖޫރިމަނާ
  • މަނީ ލޯންޑަރިންގެ ދެވަނަ ދައުވާ: 5 އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށްލުން އަދި 1000000 ރުފިޔާއިން ޖޫރިމަނާ

އަވަސް ނިޔާއިން އެ މައްސަލައިގެ ހުކުމް އިއްވަން މިރޭ ބޭއްވި ޝަރީއަތުގައި އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވީ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ވަކީލުގެ ހާޒިރުގައި ދައުވާތަކަށް އެއްބަސްވެ ވަޑައިިގެންފައިވާތީ އަދީބުގެ އިއުތިރާފުން އެ ދައުވާތައް ސާބިތުވާ ކަމަށެވެ.

ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ކޯޓުން މީގެކުރިން އަމުރުކޮށްފައިވީ ނަމަވެސް ބަލި ހާލަތު ހުރި ގޮތުން ކަމަށް ބުނެ ކޯޓުގެ ހުއްދަޔާއެކު އަދީބު މިހާރު ވަނީ ގެއަށް ބަދަލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ