-ކޮޗިން ފެރީ ކުޅުދުއްފުށި ބަނދަރުގައި ފޮޓޯ: ކުޅުދުއްފުށި އޮންލައިން

އުތުރުގެ ޕޮޒިޓިވް ކޭސް: ކޮޗިން ފެރީ އިވެންޓަށް މާލެއިން ދަތުރުކުރި ފުލުހުންނާ ގުޅިފައި!

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކު މިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މި ކޭސްއާއި ގުޅިގެން ހއ.ބާރަށް، ހއ.ދިއްދޫ، ހއ. ހޯރަފުށި އަދި ހދ.ކުޅުދުއްފުއްޓާއި، ކުރިނބީގެ އިތުރުން ށ.ފުނަދޫ މިވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ފަށާފައެވެ. މިރަށްތަކުގެ ތެރޭގައި އުތުރުގެ ވިޔަފާރިއާއި ޞިއްޙީ ފަރުވާގެ މައި ރަށް، ކުޅުދުއްފުށި ހިމެނިފައިވުމުން އެތައް ހާސް ރައްޔިތުންނެއްގެ އަސާސީ ޙިދުމަތްތަކަށް މިވަނީ ބުރޫއަރާފައެވެ. މި ދަތި ވަގުތުގައިވެސް މިކަން ހިނގާ ދިޔަގޮތަށް ނަޒަރުހިންގާ ބަލާލުން މުހިންމެވެ.

ރޭ ބޭއްވި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް ތަރުޖަމާނު ޑރ.ނަޒްލާ ވިދާޅުވީ މިރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މާލެއަށް ދަތުރުކޮށްފައި ނުވާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.

"މި ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިމިވަނީ، ކުޅުދުއްފުށީގައި މަސައްކަތްކުރާ، މާލެއަށް ދަތުރުކޮށްފައިނުވާ ފުލުހުންގެ ބޭފުޅަކު ޕޮޒިޓިވް ވުމާއި ގުޅިގެން. އަދި މިބޭފުޅުން އަތޮޅުތެރޭގައި އެކި ސްޓޭޝަންތަކަށް ދަތުރުކޮށްފައިވާކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭތީވެ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ވަގުތު މިތަންތަން ވަގުތީގޮތުން މޮނިޓަރިންގެ ހާލަތަށް ގެނެވުނީ." އުތުރުގެ ރަށްތަކަށް މޮނިޓަރިންގެ ހާލަތަށް ގެނެވުނު ސަބަބު ސާފުކޮށްދެއްވަމުން ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިނޫހުން ކުރި ތަޙްޤީޤުތަކުން އެނގިފައިވާ ގޮތުގައި މި ޕޮޒިޓިވް ކޭސް ގުޅިފައިވަނީ ކޮޗިން ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރުމަށް އުތުރަށް ދަތުރުކުރި ފުލުހުންގެ ހާއްޞަ ޓީމާއެވެ. މިނޫހަށް އެއްކުރެވިފައިވާ އިތުބާރުކުރެވޭ މަޢުލޫމާތުތަކަށް ބަލާއިރު، މި އިވެންޓަށް "އެޗްޕީއޭގެ ހާއްޞަ ހުއްދައިގެ" ދަށުން މާލެއިން އުތުރަށް ދަތުރުކުރި ފުލުހުންގެ ޓީމުން ވަނީ ސަރަހައްދުގެ އެކި ޕޮލިސް ސްޓޭޝަންތަކަށާއި ކުރިނބީއަށް ދަތުރުކޮށްފައެވެ. ޕޮޒިޓިވްވި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކީ މިދެންނެވި ޓީމާ އެކުގައި ރަށްތަކަށް ދަތުރުކުރި ފުލުހެކެވެ.

މިކަމާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ސުވާލުކުރުމުން މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައި ނުވާއިރު، ފުލުހުންގެ މި ޓީމުގެ ދަތުރުގެ އިތުރު ތަފްސީލު ހޯދުމަށް ފުލުހުންނާއިވެސް ވާނީ މިނޫހުން ސުވާލުކޮށްފައެވެ. ނަމަވެސް މިހާތަނަށް ފުލުހުންވެސް މިކަމުގައި ބަހެއް ވިދާޅުވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހެލްތް ސަރވިސަސް މެނޭޖަރ އަޙްމަދު ދާވޫދް ރޭ ވިދާޅުވީ، ފާޅު ބޯޓުގެ ޕޮޒިޓިވް ކޭސްއާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީއަށް އަންނަ މީހުންގެ ތެރެއިން އަލާމާތްތައް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގަމުން އަންނަ ކަމަށާއި، ޕޮޒިޓިވް ވެފައިވަނީ އިއްޔެ އޯޕީޑީއަށް އައި ފަރާތެއްގެ ސާމްޕަލް ކަމަށެވެ. މި ކޭސްގެ އަސްލާއި ގުޅޭގޮތުން ސުވާލުކުރުން ދާވޫދް ވިދާޅުވީ، ކޭސް އިންވެސްޓިގޭޓް ކުރަމުންދާ ކަމަށާއި، އަދި ވަކި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.

ފާއިތުވެ ދިޔަ ސެޕްޓެންބަރު މަހަށް އެކަނި ބަލާލި ކަމުގައިވިޔަސް 138 ރަށަކަށް ނިސްބަތްވާ ރައްޔިތުން މި ވަނީ ކުޅުދުއްފުށީ...

Posted by ???????????????????? ???????????????????????? on Monday, October 5, 2020

މި ދަތި ވަގުތުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަތީފް ހަސަން ވިދާޅުވެފައިވަނީ، ގިނަ ރައްތަކެއްގެ ރައްޔިތުން ކުޅުދުއްފުއްޓަށް ބަރޯސާވެފައިވާ ވަގުތެއްގައި މާލެއިން ބޭފުޅުން އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފަށް ބާއްވާ ހަރަކާތްތައް ބޭއްވުން ބަލައިނުގަނެވޭ ކަމަށާއި، މި ހިތާމަވެރި ވަގުތުގައި ރައްޔިތުން ކެތްތެރިކަން އިސްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

gina rahthakegge rayyithun kulhudhuffuttah barosaa vefaivaa vagutheggai male in beyfulhun HPA minganduthakaa hilaafah...

Posted by Abdullatheef Hassan on Monday, October 5, 2020

ކޮޗިން ފެރީގެ އިވެންޓަށް ފުލުހުންގެ އިތުރުން ބައެއް މީޑިއާތަކާއި، ކަސްޓަމްސްގެ ބައެއް މުވައްޒަފުންވެސް ކުޅުދުއްފުއްޓަށް ދަތުރުކޮށްފައިވެއެވެ. އަދި މި ފަރާތްތަކުގެ އަމަލުތައް ހުރިގޮތުން އޭރުވެސް ކުޅުދުއްފުށީގެ ޢާއްމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް "ޙާއްޞަ ހުއްދަ" ލިބިގެން ވަޑައިގަންނަވާ ފަރާތްތައްކަމުން އެކަމުގައި ކުރެވޭނެ ކަމެއް ނެތީއެވެ. ނަމަވެސް މިގޮތަށް މާލެއިން ދަތުރުކުރާ ފަރާތްތަކުންވެސް އުޞޫލުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓަވައި، ޢާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަރުދީ ޒިންމާވެސް ނަގަންޖެހެއެވެ.

ޕޮޒިޓިވްކަން އެންމެ ފުރަތަމަ އެނގޭ ފަރާތަށް ގިނަ ފަހަރު އެތައް ބައެއްގެ އިނގިލި ދިއްކުރެވޭތަން އެބައާދެއެވެ. ނަމަވެސް މިއީ މި ކޭސްގެ އަސްލަށް ނުވެދާނެއެވެ. މިފަދަ ކޭސްތަކުގެ އަސްލަށް ވުން އެންމެ ގާތީ "ޙާއްޞަ ހުއްދަ" ހޯއްދަވައިގެން ރަށްރަށަށް ދަތުރުކުރައްވައި، އުޞޫލުތަކާ ޚިލާފުވާ ސަރުކާރުގެ އޮފިޝަލުންނެވެ. ސަރުކާރުގެ މުއައްސަސާތަކުން މި ކޭސްގެ އަސްލު ހޯދައި ހާމަކުރާން ޖެހެއެވެ. ކަން މިމަގުން ނުހިނގާނަމަ "އަސްލު" ސިއްރުވެ ތުހުމަތުގެ އިނގިލި ނުހައްގުން އެހެން ބަޔަކަށް އަމާޒުވުން ގާތެވެ.

މިލިޔުން ކިޔާލުމުން
34
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޒީނަތު

    ދެރަކަންކަން. ރަސްމިއްޔާތުތައް އޮންލައިންކޮށް ނުވަތަ ޑިޖިޓަލްކޮށް ބޭއްވުން ރަނގަޅު. ރައްކާތެރިވެފައި ޚަރަދުވެސް ކުޑަވާނެ. މިކަމާއި ސަރުކާރުގެ ވެރިން ވިސްނަންޖެހޭ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ