އިންޑިއާއާއި ދެކޮޅު ހަރަކާތުގައި އައިސިސް ގެ ކަޅު ދިދަ ބޭނުންކުރާތީ ނަޝީދު ކަންބޮޑުވެއްޖެ

ދިވެހިިރާއްޖޭގައި ތިބި އިންޑިއާއާއި ސިފައިން ފޭބުމަށް ގޮވާލާ ކުރިއަށް ގެންދާ ހަރާކާތުގައި އައިސިސްގެ ކަޅު ދިދަ ބޭނުންކުރަމުންދާ ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް ނަޝިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތުގައި ދިދަ އަކަށް އައިސިސް ގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އެ ދިދައިގެ މިހާރުވާ ލިޔުން، އައިސިސް ގެ ދިދަޔަށް ބަދަލު ކުރުމަށް ރޭވުމަކީ މި ބާވަތުގެ މުއާމަލާތުގައި އާންމު އުކުޅެއް ކަމަށް މާހިރުން ދެކޭ. ދިވެހިން ވިސްނަވާތި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު މިފަދައިން ވިދާޅުވެފައިވާއިރު، “އިންޑިއާ އައުޓު” އޭ ކިޔަނީ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އައިސިސް އިންކަމަށާއި، އިދިކޮޅުން ބާރު އަޅަނީ ރާއްޖެ ހިފުމަށްކަމަށް ވެސް މިފަހުން ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އައުޓު އޭކިޔާ ގޮވަނީ ރާއްޖޭގައި ޙަރަކާތްތެރިވާ އައިސިސްގެ ސެލްއަކުންކަމަށާއި، އެކަން ވަރަށް ގިނަ ބައިނަލްއަޤުވާމީ އިދާރާތަކަށް މިހާރު ސާފުވެފައިވާކަމަށާއި އަދި ޕީޕީއެމް-ޕީއެންސީ އިން މިޝިޔާރު ބޭނުންކުރަން އެދެނީނަމަ، އެބާރު ދެވެނީ އައިސިސްއިން މިރާއްޖެ ހިފުމަށްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބަޔަކު އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ “އިންޑިއާއައުޓު” ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފައްޓާފައިވެއެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ މި ގައުމަށް އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ