ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އީރާނުން އަޅައިފައިވާ ފިޔަވަޅުތައް ދަމަހައްޓައިފި

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އީރާނުން އަޅައިފައިވާ ފިޔަވަޅުތައް ދަމަހައްޓަން އެގައުމުން ނިންމައިފިއެވެ.

މިގޮތުން އީރާން ސަރުކާރުންވަނީ އެގައުމުގެ ވެރިރަށް ތެހެރާނުގައި ކޮވިޑް-19 އަނެއްކައިވެސް ފެތުރެން ފެށުމުން މިދިޔަ ހަފްތާގައި އެޅި ފިޔަވަޅުތައް މިމަހުގެ 16 އާއި ހަމައަށް ދަމަހައްޓަން ނިންމައިފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި، ކެފޭ، ޔުނިވާސިޓީ، ސްކޫލް، މިއުޒިއަމް، ސެލޫން، ސިނަމާ، އަދި ކުޅިވަރު ކުޅޭތަންތަން ބަންދުކުރުމަށްވަނީ އަންގައިފައެވެ. މީގެއިތުރުން މިމުއްދަތުގައި ޖަމާއަތުގައި ހުކުރުނަމާދު ކުރުންވެސްވަނީ މަނާކޮށްފައެވެ.

މިއަދުން ފެށިގެން ތެހެރާނުގެ މަގުތައްމައްޗަށް ނިކުމެ އުޅޭއިރު ފޭސްމާސްކް އެޅުމަށް މަޖުބޫރު ކޮށްފައިވާއިރު ފޭސްމާސްކް ނާޅައި މަގުތައްމައްޗަށް ނިކުމެއުޅޭ ކޮންމެ މީހަކު 500،000 ރިއާލަށް ޖޫރިމަނާކުރުމަށްވެސްވަނީ އެގައުމުގެ ސަރުކާރުން ނިންމައިފައެވެ.

އީރާނުގެ ސިއްހަތާބެހޭ ވުޒާރާގެ ތަރުޖަމާނަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކޮވިޑް-19 ޖެހިގެން އީރާނުން އަލަށް 195 މީހުން މަރުވެފައިވާ ކަމަށެވެ. މިއާއެކު މިބަލީގައި އީރާނުން މަރުވިމީހުންގެ ޖުމްލަ އަދަދުވަނީ 28،293 އަރައިފައެވެ.

އީރާނުން އެއްދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ގައި މީހުން މަރުވެފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އެދުވަހުވަނީ ކޮވިޑް-19 ޖެހިގެން 239 މީހުން މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ