ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޑްރަގް ކޯޓަށް ޒިޔާރަތްކުރައްވާ، އެ ތަނުގެ އިސްވެރިންނާއި ބައްދަލުކުރައްވާ، މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރުކުރީގައި ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެ ކޯޓުގެ އެކި އިދާރާތައް ބައްލަވާލައްވާ، އެ ތަނުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު، އަދި ވަކިން ޚާއްޞަކޮށް ޒުވާނުން، ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، މި ބައްދަލުވުމުގައި ޑަރަގް ކޯޓުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް މުޅި ދައުލަތުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެން ކަމުގައިކަމަށާއި އަދި، މި ކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކުން އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރުމުން، މި ކަމުގައި ވެސް ކާމިޔާބީ ލިބޭނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑްރަގް ކޯޓުގެ އިސްވެރިން ވަނީ، މި ވަގުތު އެ ކޯޓަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން، އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި، ޑްރަގް ކޯޓު ހިންގާ ޢިމާރާތަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެއެވެ. އަދި، އެ ކޯޓަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.




