ހދ. ނޭކުރެންދޫގައި އިމާރާތް ކުރާ ޖަލުގެ އީއައިއޭ ހެދުމަށް ކުރި އިޢުލާން ބާތިލުކޮށްފި އެވެ.
ނޭކުރެންދޫގައި އިމާރާތް ކުރާ ޖަލު ހަދާ ސަރަހައްދުގެ އީއައިއޭ ރީޕޯޓް ހެދުމަށް ކުރި އިއުލާން ބާތިލް ކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ވަނީ ވިދާޅުވެފައެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިއަދު ވިދާޅުވެފައިވަނީ އެމިނިސްޓްރީގެ ފަރާތުން ހދ. ނޭކުރެންދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ޖަލު ހާދާ ސަރަހައްދުގެ އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯރޓް ހައްދަވައިދެއްވާނޭ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން ކޮށްފައިވާ އިއުލާން ކޮރޯނާ ވައިރަސް އައުޓްބްރޭކާއި ގުޅިގެން ބާތިލު ކުރެވިފައިވާ ކަމަށެވެ.
ނޭކުރެންދޫގައި ޖަލެއް އިމާރާތް ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. ނޭކުރެންދޫ ޖަލުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިއަހަރުގެ ޖޫންމަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.
ޖޫން މަހުގެ 4 ވަނަ ދުވަހު މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވެފައި ވަނީ ނޭކުރެންދޫގައި ޖަލު އަޅާނެ ސަރަހައްދެއް ކަނޑައަޅައި، އެންވަޔަރްމެންޓް އެސެސްމެންްޓް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރަން މި އަހަރު ހުޅުވައިލި ކަމަށެވެ. އެކަމަކު، އެ މަސައްކަތް ހަވާލު ކުރުމަށްޓަކައި މައުލޫމާތު ސާފުކުރުމުގެ މަރުހަލާގައި ވަަނިކޮށް، ކޮވިޑް-19 އާ ހެދި މަސައްކަތްތައް މަޑު ޖެހުނު އިިރު އެ މަަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް އޭރު މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.
ނޭކުރެންދޫގައި ޖަލެއް އިމާރާތް ކުރަން އެންނެ ފުރަތަމަ ނިންމާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނޭކުރެންދޫގައި ޖަލެއް އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވަކި ހިސާބަކުން އެ މަަސައްކަތް ވަނީ ހުއްޓާލައިފަ އެެވެ.



