ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް 28 ދުވަހުގެ މުއްދަތަށް ފައިސާ ނޫޓުގައާއި އަދި ފޯން ސްކްރީންފަދަ ތަންތާ ހަރަކާތްތެރިކަމާއެކު ހުންނަކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
އޮސްޓްރޭލިއާގެ ގައުމީ ސައިންސް އެޖެންސީއިން ބުނެފައިވަނީ ކުރިން ހީކުރި ގޮތާއި ހިލާފަށް ބަޔެއް ތަންތާ ކޮރޯނާވައިރަސް ވަރަށް ގިނަ ދުވަހަށް ދެމިހުރެއެވެ.
ކޮވިޑް-19 އާންމުކޮށް ފެތުރެނީ އެބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާ، އަދި ވާހަކަދައްކާއިރު ނިކުއްނަ ކުޅު ތިކިތަކުންނެވެ. ނަމަވެސް ތަޖުރިބާކާރުން މިހާރު ބުނަމުން އަންނަނީ މިވައިރަސް ޕުލާސްޓިކް އަދި ދަގަނޑު އެއްޗެހީގައިވެސް ހަރަކާތްތެރިކޮށް ހަރުލާ ހުންނަ ކަމަށެވެ.
ލެބޯޓަރީތަކުގައި މީގެކުރިން ކުރި ތަހުލީލުތަކުން ދައްކާގޮތުން ކޮރޯނާވައިރަސް ފައިސާގައާއި އަދި ބިއްލޫރީގައި ތިންދުވަސް ވާންދެން ހަރަކާތްތެރިކަމާއެކީ ހުރެއެވެ. އަދި ޕުލާސްޓިކުގައާއި އެސްއެސް މައުދަނުގައި ހަދުވަސްވަންދެން ވައިރަސް ހުރެއެވެ.
ނަމަވެސް އޮސްޓްރޭލިއާގެ އެޖެންސީ ސީއެސްއައިއާރުއޯ އިން ހޯދައިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ފޯން ސްކްރީންގައާއި، ޕުލާސްޓިކުގައާއި، އަދި ފައިސާ ނޫޓުގައި ވައިރަސް28 ދުވަހުގެ މުއްދަތައް ދެމިހުރެއެވެ. ނަމަވެސް މިއީ ފިނިހޫނުމިން 20 ސެލްސިއަސްގައި ހުއްނަ މާހައުލު ތަކުގައެވެ.
މި ދިރާސާތައް ކޮށްފައިވަނީ ޔޫވީ އަލި ނޭޅޭ އަނދިރި މާހައުލުތަކުގައެވެ. ދިރާސާތަކުން ދައްކާގޮތުން ޔޫވީ އަލި އެޅޭ މާހައުލުތަކުގައި ވައިރަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މަރުވެއެވެ.



