އިންޑިއާގައި އުމުރުން 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ކިޑްނެޕްކޮށް 22 ދުވަސްވަންދެން ދެމީހަކުވެގެން ރޭޕްކޮށްފިއެވެ.
މި އަންހެން ކުއްޖާ ރޭޕްކުރި މީހުން މި ކުއްޖާ ކިޑްނެޕްކޮށްފައިވަނީ، އާއިލާއާއި މައްސަލަ ޖެހިގެން ގެއިން ނިކުމެގެން ގޮސް އެނބުރި ގެއަށް އައުމަށްޓަކައި ބަސް ސުޓޮޕެއް ކައިރީގައި ހުއްޓައެވެ.
ރޭޕިސްޓުން މިކުއްޖާ ކިޑްނެޕްކޮށްފައިވަނީ ގެއަށް ގެންގޮސްދޭނެކަމަށް ބުނެ ސައިކަލެއްގައި ކުކުޅުހާ ގެންގުޅޭ ފާމަކަށް ގެންގޮސް އެ ފާމުގައި ހުރި ކުޑަ ގެޔެއްގެ ތެރޭގައި ބަންދުކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.
މި ލާއިންސާނީ އަމަލު ހިނގި ދެމީހުންވަނީ އެމީހުން އެކުއްޖާއާމެދު ހިނގި ބަދުއަހުލާގީ އަމަލުތައް ވީޑިއޯކޮށް އެމީހުން އެކުއްޖާ ބަހައްޓާފައި ހުރިތަނުން ފިލާފިނަމަ ވީޑިއޯ ލީކު ކޮށްލާނެ ކަމުގެ ބިރުވެސް ދައްކައިފައެވެ.
މި އަންހެން ކުއްޖާ އިންޑިއާ ފުލުހުން ސަލާމަތް ކޮށްފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. ފުލުހުން މިކުއްޖާ ސަލާމަތްކޮށްފައިވަނި އެސަރަހައްދުގައި އުޅޭ އާމުންނަށް ފާމުގައި މިފަދަ ކަމެއް ހިނގާކަން ޝައްކު ކުރެވިގެން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
ފުލުހުން އަންހެން ކުއްޖާ ސަލާމަތްކޮށް އަންހެން ކުއްޖާ ރޭޕުކުރުމުގައި ބައިވެރިވި ދެމީހުންގެ ތެރެއިން އެކަކުވަނީ ހައްޔަރުކޮށްފައެވެ. ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އިންޑިއާއަކީ އަންހެނުންނާއި ދެކޮޅަށް މިފަދަ ލާއިންސާނީ އަމަލުތައް ހިނގުމުގައި އަރާހުރި ގައުމެކެވެ. މިގޮތުން މިދިޔައަހަރުގެ ތަފާސްހިސާބުތައް ބުނާގޮތުން އިންޑިއާގައި ދުވާލެއްގެތެރޭ 90 އާއި ގާތްކުރާ އަދަދަކަށް ރޭޕްކޭސް ރިޕޯޓް ކުރެވެއެވެ.



