މަރުވިކަމަށް ހީކޮށް މޯޗަރީއަށްލީމީހާ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މަރުވެއްޖެއެވެ.
މިދިޔަ ހަފްތާގެ ހޯމަދުވަހު އުމުރުން 74 އަހަރުގެ އިންޑިއާ މީހަކު ޓަމިލްނާޑޫ ސްޓޭޓުގެ ހޮސްޕިޓަލަކުންވަނީ މަރުވިކަމަށް ނިންމައި މޯޗަރީއަށް ލައިފައެވެ. މިމީހާ މަރުނުވާކަން އިނގިފައިވަނީ މައްޔިތާގެ ޖަނާޒާ ބޭއްވުމަށް އަންގާރަ ދުވަހު ހަށިގަނޑުބަލައި އައި މީހުންނަށް މިމީހާ ހަރަކާތްކުރާތަން ފެނިގެންނެވެ.
މިމީހާ މަރުނުވާކަން އިނގުމުން އާއިލާގެ ފަރާތުންވަނީ މިމީހާ އެހެން ހޮސްޕިޓަލަކަށް ގެންގޮސް ފިނިވުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަރުވާދޭން ފަށައިފައެވެ. ނަމަވެސް މިއަދު މިމީހާ މަރުވެފައިވާކަމަށް އިންޑިއާގެ ނޫސްތަކުންވަނީ ރިޕޯޓް ކޮށްފައެވެ.
ހޮސްޕިޓަލުގެ އިސްވެރިން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިމީހާ މޯޗަރީއިން ނަގައިގެން ހޮސްޕިޓަލަށް ގެނައިރު ފިނީގެ ސަބަބުން ހާލަތު ވަރަށް ދައްވެފައިވާ ކަމަށެވެ. އަދި މިމީހާ މަރުވެފައިވަނީ ފުއްޕާމޭގެ މައްސަލައެއްގައި ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި އުމުރުން 74 އަހަރުގެ މިމީހާ މަރުނުވަނީސް މަރުވިކަމަށް ނިންމައިފައިވަނީ އަމިއްލަ ހޮސްޕިޓަލެއްގެ ޑޮކްޓަރެކެވެ. ނަމަވެސް ފުލުހުން މިމައްސަލަ ތަހުގީގު ކުރުމަށްފަހު ބުނެފައިވަނީ، މިމީހާ މަރުވި ކަމުގެ އެއްވެސް މެޑިކަލް ލިޔުމެއް އާއިލާއަށް ދެއްކިފައި ނުވާކަމަށެވެ. މިހެންކަމުން ފުލުހުންވަނީ މިމަރުގެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފައެވެ.




