މި ސަރުކާރުން އުޅެނީ ރާއްޖޭގެ މާލީ އިންޓެލިޖެންސް އިންޑިއާއަށް ދީގެންކަމަށާއި އެކަމުގެ ސަބަބުން އެހެން ގައުމަކުން ރާއްޖެއަށް އިންވެސްޓެމެންޓެއް ނުގެނެވޭ ކަމަށާއި އެކަމަށް ދިވެހިން އުންމީދު ކުރާނެ ކަމެއްވެސް ނެތް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅި ޕޭމަންޓް ސިސްޓަމާއި ޕޭމެންޓް ހިދުމަތްތަކުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ދިވެހި ގައުމުގެ މާލީ މުޝީރުކަން މިއަދު ކުރަނީ އަވައްޓެރި ބޮޑު ގައުމަކުން ކަމަށެވެ.
"މިތަނަކަށް އިތުރު އެހެން ގައުމެއްގެ އިންވެސްޓްމެންޓެއް، ރަނގަޅު ހެޔޮވަރު އިންވެސްޓްމެންޓެއް އަންނާނެ ކަމަކަށް ދެން އަޅުގަނޑުމެން އުންމީދުތައް ކަނޑާލައިގެން މިތިބީ، އެއީ ދިވެހިރާއްޖޭގެ މާލީ މުޝީރުކަން އެހެން ގައުމަކާ ހަވާލު ކުރީމަ." ޝިޔާމް ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ އިންޓެލިޖެންސް އިންޑިއާޔާ ހަވާލުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހިންގެ ކުރިމަގު މަރާލަން ކަމަށް ޝިޔާމްވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރާއްޖޭގެ ބަޖެޓު ޑެފިސިޓް ފޫބައްދަން އުޅެނީ މަނީ ލޯންޑަރީންކޮށް ކަޅު ފައިސާ ހޯދައިގެންކަމަށްވެސް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވި ސަރުކާރުން ބަޖެޓު ޑެފިސިޓް ފޫބައްދަން އުޅެނީ ކަޅު ފައިސާ އިން ކަމަށާއި އެ މައްސަލަ ރައްޔިތުންގެ މަޖިލިހުން ފާރަވެރިވެ، ބަލަން ޖެހޭނެ ކަމަށެވެ.
ޝިޔާމްގެ ވާހަކައާ ގުޅިގެން ހުސައިން ޝަހީމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ ޝިޔާމް ދައްކަވަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. ރާއްޖޭގެ މާލީ ކަންކަން ބޭރު ގައުމެއްގެ އަތްމައްޗަށް ދޫކޮށްލާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން މާލީ ކަންކަން ކުރިއަށް ގެންދަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށާއި މިހާރުވެސް ބަޖެޓުން ބޭރުން ހަރަދުތައް ކުރަމުންދާ ކަމަށެވެ.



