ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ގޮތް ހަދައިފިއެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވެފައި ވަނީ ބިޑް ކޮމެޓީތަކަށް ސިޔާސީ ފަރާތްތައް އައްޔަން ނުކުރެވޭނެ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ބޯޑުން މިގޮތަށް ނިންމާފައި ވަނީ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަމަށްވެސް ފިނޭސް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތައް އުފެއްދުމާއި، ކޮމިޓީ އެކުލެވިގެންވާ ގޮތް ބަޔާންކޮށް މާލިއްޔަތުގެ ޤަވާއިދުގެ 10.13 ގައި ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ ތެރެއިން އެ ގަވާއިދުގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީތަކުން ހުއްދަދޭންޖެހޭ ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަދިނުމަށްޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައިވެސް ބިޑް ކޮމިޓީއެއް އުފައްދަންވާނެކަމަށެވެ. އަދި މީގެ އިތުރަށް ނެޝަނަލް ޓެންޑަރ ބޯޑުން ކަނޑައަޅާ ވަކި އޮފީސްތަކުން ކުރިއަށް ގެންދާ އެ ބާބުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީން ހުއްދަދެވޭ މިންގަނޑަށް ފެތޭ ޕްރޮކިއުމަންޓް މަސައްކަތްތަކަށް ހުއްދަދިނުމަށްޓަކައި އިންޓަރ-
އެޖެންސީ ޓެންޑަރ ކޮމިޓީއެއް އުފައްދަވަންވާނެކަމުގައިވެސް އެ ޤަވާއިދުގައި ވަނީ ބަޔާން ކޮށްފައެވެ.
މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުންވަނީ ނިންމާފަ
— Ministry of Finance (@MoFmv) October 21, 2020
މީގެ އިތުރުން ދަޢުލަތުގެ އޮފީސްތަކުގައި އުފައްދަވާ ބިޑް ކޮމެޓީތައް އެކުލަވާލައި އެ ކޮމެޓީ އައްޔަން ކުރާނީ އެ އޮފީހުގެ އެންމެ އިސްވެރިޔާގެ ލަފާގެމަތިން މިނިސްޓަރުކަމަށާއި، އެގޮތުން އުފައްދަވާ ބިޑް ކޮމެޓީތަކުގައި ޗެއަރޕާސަނާއެކު 3 އާއި 7 އާ ދެމެދު އަދަދަކަށް މެންބަރުން ތިބެންވާނެކަމުގައި ވަނީ ބަޔާން ކޮށްފައެވެ.
ބިޑް ކޮމެޓީތަކުގައި ދަޢުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް ޔުނިޓްތަކުގެ ނުވަތަ ޕްރޮކިއުމަންޓް މަސްޢޫލިއްޔަތު ހަވާލުވެފައިވާ ސެކްޝަންގެ އެއްވެސް މުވައްޒަފަކު އައްޔަން ކޮށްގެން ނުވާނެ ކަމަށްވެސް މާލިއްޔަތުގެ ޤަވާއިދުގައި ވަނީ ބަޔާން ކޮށްފައެވެ.



