ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ދައުވަތު ދެއްވައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް މިނިސްޓަރ އިމްރާން އެމްޑީޕީ އާއި ގުޅުމަށް ރާއީ ދަޢުވަތު ދެއްވާފައިވަނީ ވަޒީރުންނާއި ސުވާލު ކުރުމަށް މަޖިލިސް އަށް މިނިސްޓަރ އިމްރާން ހާޟިރުކުރުމުންނެވެ.
ރާއީ ވިދާޅުވީ މިނިސްޓަރ އިމްރާންގެ މަސައްކަތް ވަރަށް ގާތުން ބަލައި ގަންނަ ކަމަށާއި މިނިސްޓަރުގެ މަސައްކަތާއި ދޭތެރޭ އުފާ ކުރައްވާ ކަމަށެވެ. އަދި މަކުނުދޫ ދާއިރާގެ ރައްޔިތުންގެ ނަމުގައި ރާއީ ވަނީ މިނިސްޓަރ އިމްރާން އަށް ޝުކުރު ދަންނަވާފައެވެ.
ހޯމް މިނިސްޓަރ ނިސްބަތްވާ އަދާލަތު ޕާޓީގެ ފިކުރަށްވުރެ އެމްޑީޕީގެ ފިކުރަށް އިސްކަން ދީގެން މިނިސްޓަރ އިމްރާންގެ މަސައްކަތް ބައްޓަން ކޮށްފައިވާ ކަމަށް ރާއީ ވިދާޅުވިއެވެ.
"އަޅުގަނޑު އެންމެ އަވަހަށް ދެކެން ބޭނުންވަނީ މިނިސްޓަރ އެމްޑީޕީއަށް ސޮއި ކުރާނެ ދުވަހެއް. އަޅުގަނޑު އެކަމަށް މަރުހަބާ ކިޔާނަން. އެންމެ ފުރަތަމަ މިނިސްޓަރަށް އަޅުގަނޑު މަރުހަބާ ކިޔާނަން" ރާއީ ވިދާޅުވިއެވެ. ރާއީގެ ދައުވަތާއިއެކު ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެއީ މެންބަރު ފާހަގަ ކުރެއްވި ގޮތަށް ސުވާލެއް ނޫން ކަމަށާއި ދަޢުވަތެއް ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ މިއަދު މިއޮތް ކޯލިޝަން ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ އެއް އަމާޒެއްގައި އެއް ވިސްނުމެއްގައި އެއް ނަތީޖާއެއް ހާސިލްކުރުމަށް ކަމަށެވެ. އަދި ކުރިޔަށް މިދަނީ އަދާލަތު ޕާޓިގެ މެނިފެސްޓޯ އާއި މިސަރުކާރުގެ މެނިފެސްޓޯ އަކީ އެކައްޗެއްގެ ގޮތުގައި ގަބޫލުކޮށްގެން ކަމަށް އިމްރާން ވިދާޅުވިއެވެ.
"މި ނަތީޖާ ހާސިލް ކުރާނީ އަޅުގަނޑުމެން އެންމެން އެކުގައި. މި ނަތީޖާއިން ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައި ދިނުމުގެ އުފާ އަޅުގަނޑުމެން ލިބޭނީ އެންމެން އެކުގައި. އަޅުގަނޑު މިހުރީ އެކަމުގައި ތި ހުރިހާ ބޭފުޅުންނާއިއެކު ކުރިޔަށް ދިއުމަށް ތައްޔާރަށް" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.