ފެން ކުންފުނި ކަމަށްވާ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން އއ.ރަސްދޫގައި ޤާއިމްކުރަމުންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ނިންމާލައިފިއެވެ.
އެކޮމްޕެނީއިން ބުނީ މިމަސައްކަތު ޢަމަލީ މަސައްކަތް ނިންމޢި މިހާރު ކުރެވެމުންދަނީ ކޮމިޝަން ކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެރަށުގެ ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމް.ޑަބްލިޔު.އެސް.ސީ އަދި ސްޓެލްކޯގެ ބޭފުޅުން މިއަދު އެރަށަށް ވަޑައިގެން،. ކޮމިޝަން ކުރުމުގެ މަސައްކަތް މިއަދު ނިންމުމަށް ހަމަޖެހިފައިވާކަމަށްވެސް ބުންޏެވެ.
އއ.ރަސްދޫގެ ފެނުގެ ނިޒާމުގެ މަޝްރޫޢަކީ 30 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޑަބްލިޔު.އެސް.ސީ. އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދެވުނު މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން އއ. ރަސްދޫގެ ފެނުގެ ނިޒާމް ޑިޒައިންކޮށް، ރަށުގައި 6,288 މީޓަރގެ ދިގު ފެން ފޮޅީގެ މައި ނެޓްވާރކް އެއް އަޅައި އަދި ރަށުގެ 297 ގެއެއްގައި ފެން މީޓަރު ބަހައްޓައި، މިގެތަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅާދެވިފައެވެ. މީގެ އިތުރުން، އާރ، އޯ ފެސިލިޓީ ބިލްޑިންގ އެއް ޤާއިމްކޮށް، ފެން އުފެއްދުމަށްޓަކައި 2 އާރ، އޯ ޕްލާންޓް އާއި، ފެން ރައްކާކުރުމަށްޓަކައި 263 ޓަނުގެ 2 ތާންގީ އާއި އަދި ވާރޭފެން ސާފުކުރުމަށްޓަކައި އަލްޓްރާ ފިލްޓްރޭޝަން ނިޒާމަކާއި، ވާރޭފެން ރައްކާކުރުމަށްޓަކައި 703 ޓަނުގެ 1 ތާންގީ ވަނީ ބެހެއްޓިފައެވެ. އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ ލެބޯޓްރީ އަލާތްތަކާއި ސާމާނުތައްވެސް މި މަޝްރޫޢު ގެ ދަށުން ފޯރުކޮށްދެވޭނެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން އއ.ރަސްދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.
ޚަބަރާއި ފޮޓޯ: މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް



