ގާނޫނުއަސާސީގައި އޮތީ ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ކަމަށާއި ކޯލިޝަންގެ ވާހަކައެއް ގާނޫނުއަސާސީގައި ނެތް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވެފައި މިވަނީ، ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އެމަޤާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަން ކުރެއްވުމުން ސަރުކާރު ކޯލިޝަން އަދި ހެލްތު މިނިސްޓްރީގެ ސްލޮޓު ދީފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިސް ބޭފުޅުން އެކަމާއި ނުރުހުން ފާޅު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ގާނޫނު އަސާސީގައި އޮތީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭން ޖެހޭނެ ވާހަކަ! ކޯލިޝަނުގެ ވާހަކައެއްނެތް ! ދައުލަތުގެ ވުޒާރާ ތަކަކީ އެއްވެސް ހާލަތެއްގައި ވަކި ބަޔަކަށް ހިބަކޮށް ދެވޭނެ ތަންތަނެއްނޫން ! https://t.co/le8OG4ZzvR
— Ibrahim Rasheed (@BondeM4) October 22, 2020
ކެރަފާ ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވުމުން ޖޭޕީގެ ނާއިބު ރައީސް އަހުމަދު ސައުދު ކުރެއްވި ޓްވީޓެއްގައި ވަނީ ކޯލިޝަނާއި މެދު ސުވާލު އުފައްދަވާފައެވެ. ނަމަވެސް ރައީސް ވަނީ ނަސީމް އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، ޖޭޕީ އަށް ނަމެއް ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ. އަދި ޖޭޕީ އިން ދެ ނަމެއް ހުށަހެޅުއްވި ކަމަށްވެއެވެ. އެކަމަކު ނަސީމަށް އެ މަގާމު ދެއްވީ މިވަގުތު ހެލްތު މިނިސްޓްރީ ހިންގުން އެންމެ ގާބިލް ބޭފުޅަކީ ނަސީމް ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީއެވެ.



