ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބ. ތުޅާދޫގައި އިމާރާތްކުރާ100 ހައުސިންގ ޔުނިޓްގެ ތެރެއިން މިހާރު ޢިމާރާތްކޮށް ނިމިފައިވާ50 ގެ ލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކޮށްފިއެވެ.
ތުޅާދޫ ކައުންސިލުން ވިދާޅުވެފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބ. ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގް ޔުނިޓުގެ ތެރެއިން 50 ގެ ކަށަވަރުވެފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް، 2020 އޮކްޓޫބަރު 23 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ ގޯތި ވިލަރެސް ކުރާ ކޮމިޓީގެ 136 ވަނަ ޢާއްމު ބައްދަލުވުމުން ފައިނަލް ކޮށްފައިވާ ކަމަށެވެ.
މި ލިސްޓް ޞައްޙަކަމަށް ތުޅާދޫ ކައުންސިލްގެ 163 ވަނަ އާންމު ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.
އެގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ހައުސިންގް ޔުނިޓް ދޫކުރުމަށް ކަނޑައަޅާފައިވާ އުޞޫލާއި ޝަރުޠުތަކާއި އެއްގޮތަށް 50 ހައުސިންގް ޔުނިޓަށް އެދުނު ފަރާތްތަކުގެ މެދުގައި އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް އިސްކަންދީގެން 50 ގެ ލިބުނު ފަރާތްކަމަށް ކަނޑައަޅައި، އެ ލިސްޓް ޞައްޙަކަމަށް ވަނީ ފާސްކުރެވިފައެވެ.
ތުޅާދޫ ކައުންސިލުން އާންމު ކޮށްފައިވާ ލިސްޓްގައި ވާ ގޮތުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް ލިބިފައިވަނީ58 ޕޮއިންޓެވެ. އަދި ހައުސިން ޔުނިޓް ލިބުނު ފަރާތްތަކުގެ ތެރެއިން އެންމެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކަށް ލިބިފައި ވަނީ 40 ޕޮއިންޓެވެ.



