"އިންޑިއާ އައުޓް" އޭ ކިޔަނީ މުޖުތަމައުގައި ފިތުނަ އުފައްދަން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއެއްގައި މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެއްވެސް ގައުމަކާ ދިމާލަށް އަޅުގަނޑުމެން އިންޑިއާ އައުޓް، ޔޫއެސް އައުޓް އަދި ޖަޕާން އައުޓް ފަދަ ބަސްތައް ބުނާ ހިސާބަކަށް ނުދާ ކަމަށާއި އެއަށް ވުރެ މާ ހާއްސަ ގުޅުންތަކެއް ރާއްޖެ ގައުމުތަކާ އެބަ ބާއްވާ ކަމަށެވެ.
"އިއްޔެ ނޫން އިހަށް ދުވަހު އެބަ ހިނގާ ފެށިގެން ޖަޕާނުގެ ސިފައިންނާއި ދިވެހިރާއްޖޭގެ ސިފައިންއާ އެކުވެރި ކަމުގެ ތަމްރީންތަކަކާ އެއްޗިހި. އެހެންވީމާ ޖަޕާން އައުޓްތޯ؟" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، އެ ހިސާބަށް އަޅުގަނޑުމެންގެ ވިސްނުން ދިޔައިމާ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މި އޮންނަނީ 2 މައްސަލައެއް ކަމަށާއި އެ ދެ މައްސަލައަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ނެތުމާއި ނޫނީ ބޮޑުތަނުން ފިތުނަ އުފައްދަން އުޅުން ކަމަށެވެ.
"އެ ނޫން އެއްވެސް ގޮތެއް ނެތީމާ ފިތުނަ އުފައްދަން އުޅެނީ" "ސަން" އަށް ދެއްވި އިންޓަވިއުގައި ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ، އެފަދަ ކެމްޕޭންތައް ބަޔަކު ހިންގަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ދިފާއު ކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް އެއްގޮތަކަށް ވެސް ނޯންނަ ފަރާތްތަކުން ކަމަށާއި ނަމަވެސް ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގެ ފުރިހަމަ ޔަގީންކަން މި ސަރުކާރުގެ އެބަ އޮތް ކަމަށް ވިދާޅުވިއެވެ.