ދުނިޔެ ވަށައިގެންވާ ހަނދުގައި ފެން ހުރިކަމަށް ފުރަތަމަ ފަހަރަށް ނާސާ އިން ކަށަވަރުކޮށްދީފިއެވެ.
ކުރިން ހީކުރެވިފައިވާގޮތާއި ޙިލާފަށް ސައިންސުވެރިން މި ހޯދި އާ ހޯދުމުން އެނގުނު ގޮތުގައި، ހަނދުގައި ގިނަ ދުވަސްތަކެއް ވަންދެން މީހުން ދިރިއުޅޭ މިންވަރަށް ފެން ވަރަށް ފަސޭހައިން ލިބެން އެބަހުއްޓެވެ.
ސައިންސުވެރިން ކުރިން ހޯދި ހޯދުންތަކުން ހީކުރެވިފައި އޮތީ ހަނދުގައި އޮތް ފެން ފަށަލަ އޮތީ ހަނދުގެ ބިމުގެ އަޑިއަށް ގޮސްފައިކަމަށެވެ. އަދި ފެން ހުރިކަމުގައިވިޔަސް، އިރުގެ ހޫނުގެ ސަބަބުން ފެން އެވަޕެރޭޓްވެގެންދާނެކަމަށެވެ.
ނަމަވެސް ސައިންސުވެރިންގެ ޓީމުން ނާސާގެ "ލޫނާ ރިކޯނައިސަންސް އޯބިޓާ" ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތަކުންނާއި، ފިނި ހޫނުމިން ބަލައިގަން އެނގުނު ގޮތުގައި، ހަނދަށް އިރުގެ އަސަރުނުކުރާ ސަރަހައްދުތައް ކަމުގައިވާ ހަނދުގެ އުތުރާއި ހުޅަނގު ބިތުގައި ނުވަތަ "ޕާމެނެންޓްލީ ޝެޑޯޑް" ސަރަހައްދުގައި. ގަނޑުފެންހުރިކަން ވަނީ ކަށަވަރުވެފައެވެ. އަދި މި ސަރަހައްދުތަކަކީ، އިރުގެ ދޯދިތަކުގެ އަސަރު އެހިސާބަށް ފޯރާލެއް މަދުވުމުންކަމަށް އަބަދުވެސް ފިނިކޮން އޮންނަ ސަރަހައްދެކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

މީގެ ކުރިންވެސް ހަނދުގައި ގަނޑުފެން ހަރުލާފައިވާ "ކޯލްޑް-ޓްރެޕްސް" ހުރިކަމަށް އެކި ހެކިތައް ހޯދިފައިވެއެވެ. އަދި އޭރު ހީކުރެވިފައި އޮތީ، "ކޯލްޑް-ޓްރެޕްސް" ތައް ހުރީ ހަނދަށް އިރުގެ އަސަރު ނުފޯރާ ސަރަހައްދުތަކުގައި ބިމުގެ ވަރަށް ފުނުގައި ކަމަށެވެ. ނަމަވެސް މިހާރު ޔަޤީންވެފައިވާގޮތުގައި، މި ސަރަހައްދުގައި ވަރަށް ފަސޭހައިން ފެން ލިބޭނެ "މައިނާ ކޯލްޑް-ޓްރެޕްސް" ތަކެއް ހުރިކަން ވަނީ ހޯދިފައެވެ.
އެގޮތުން ސައިންވެރިން ލަފާކުރާގޮތުގައި، މި ކޯލްޑް ޓްރެޕްސްތަކުގައި 40000 ސްކޮއާ ކިލޯމީޓަރުގެ ފެން އެކުލެވޭނެއެވެ.
"ކޯލްޑް-ޓްރެޕްސް" އަކީ، ހަނދަށް އިރުގެ އަސަރުނުކުރާ ސަރަހައްދުތައް ކަމުގައިވާ ހަނދުގެ އުތުރާއި ހުޅަނގު ބިތުގައިވާ ފިނި ހޫނުމިނުގެ ސަބަބުން ފެން ހަރުލާ ގަނޑުވާ ސަރަހައްދުތަކަށް ކިޔާ ނަމެކެވެ. މި ސަރަހައްދުތަކުގައިވާ ފިނީގެ ސަބަބުން، ފެން ގަނޑުވެ ޖައްވަށް ފެން ބޭރުވުމަށް ހުރަސްއެޅެއެވެ.
ސައިންސުވެރިންގެ މި އާ ހޯދުމުގެ ސަބަބުން، އަދި ފެން ފަސޭހައިން ލިބޭނެގޮތް މެދުވެރިވުމުގެ ސަބަބުން، ހަނދުގައި ކުރިއަށް ގެންދާ މިޝަންތައް ކުރިއަށްގެންދިއުމުގެ ގިނަ ވަގުތު ހޭދަކުރުމަށް އިތުރު އެހީތެރިކަމެއް އެސްޓްރޮނަޓުންނަށް ލިބިގެންދާނެއެވެ.



