ފޭދޫގައި ވައްކަމާއި ކުއްކުރުން ގިނަވެ ހައްލެއް ނައުމުން ރައްޔިތުން މުޒާހަރާކުރަނީ

ޑ. ފޭދޫގައި ވައްކަމާއި ކުއްކުރުން ގިނަވެ އެކަމަށް ހައްލެއް ލިބިފައި ނުވާތީ އެ ރަށު ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.

ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރު މިނޫހަށް ވިދާޅުވީ އެރަށުގައި ވައްކަން ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށާއި، މިކަމަށް އެދެވޭ ޙައްލެއް އައިސްފައި ނުވާތީ ރަށުގެ ރައްޔިތުން އެކަމާ ދެކޮޅަށް ނުކުމެހުރިކަމަށެވެ.

ޝާމިރު ވިދާޅުވީ ގާތްގަނޑަކަށް އަންހެން ފިރިހެން 200 އެއްހާ މީހުން މިހާރުވެސް މުޒާހަރާގައި އެބަހުރި ކަމަށާއި، އެމީހުން ދަނީ ރަށުގައި ކުރެވެމުންދާ މިފަދަ ކުއްތަކާއި ވައްކަންތައް ހުއްޓުވައި ދިނުމަށް ގޮވާލަމުން ކަމަށެވެ.

"ޚާއްސަކޮށް އެކަނި އުޅޭ މީހުންގެ ގޭގެއިން ވައްކަން ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ" ޝާމިރު ވިދާޅުވިއެވެ.

ޝާމިރު ވިދާޅުވީ ރޭގައިވެސް އެކަނި އުޅޭ މީހެއްގެ ގެޔަށް ވައްކަން ކުރަން ވަދެފައިވަނީ ކަތިވަޅިއެއް ހިފައިގެން ކަމަށާއި، މިކަންތައް ފުލުހުންނަށް ރިޕޯޓް ކުރުމުން އާދެވޭނެކަމަށް ބުނެފައި ވަނީ މާދަމާކަމަށެވެ. އެހެން ކަމުން ކުއްކުރާ މީހާ ސަލާމަތްވެ މުޅި ރަށުގެ ރައްޔިތުން ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ޝާމިރު ވަނީ ވިދާޅުވެފައެވެ.

ޝާމިރު ވިދާޅުވީ އެރަށުގައި އަންހެނަކު މަސްތުވާތަކެތި ވިއްކާ އަދި ހަށި ވިއްކާ މައްސަލައެއްވެސް އެރަށު ކައުންސިލަށް ވަނީ ހުށައެޅިފައި ކަމަށާއި، މިކަމަކީވެސް ރައްޔިތުން ހައްލު ކުރަން ބޭނުންވެފައިވާ ކަމެއްކަމަށެވެ.

މި މުޒާހަރާގެ މަޢުލޫމާތު މިހާރު ފުލުހުންނަށް ފޯރު ކޮށްދީފައިވާއިރު، އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައި ނުވާކަމުގައި ޝާމިރު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ