އަންހެނަކަށް މަޖުބޫރު ކޮށްގެން ހަށިވިއްކުވި މައްސަލައެއްގައި ހަތަރު ފިރިހެނަކު މާލެ އިން ހައްޔަރު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި، ފުލުހުން ހައްޔަރުކުރި ހަތަރު ފިރިހެނުންގެ ތެރޭގައި އެ އަންހެން މީހާގެ ފިރިމީހާވެސް ހިމެނެއެވެ.
ފުލުހުންގެ ވިދާޅުވީ، މިމަހުގެ 20 ވަނަ ދުވަހު މައްޗަންގޮޅީ ގެއެއްގައި ހަށިވިއްކާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ކޯޓުއަމުރެއްގެ ދަށުން އެގެ ފުލުހުން ބަލާ ފާސްކޮށް، ހަށިވިއްކުމުގެ މަސައްކަތުގައި އުޅުނު ބަންގްލަދޭޝްގެ 3 ފިރިހެނުންނާއި، ބަންގްލަދޭޝްގެ އަންހެނެއްވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވުނު އަންހެން މީހައަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތެއް. މިމައްސަލައިގައި ފުލުހުން ބެލި ބެލުމުން ފާހަގަ ކުރެވިފައި ވަނީ އަންހެން މީހާ ލައްވާ ހަށިވިއްކުވަނީ އޭނާގެ ފިރިމީހާ ކަމަށާއި އަދި އޭނާގެ ފިރިމީހާ ކޮށްފައި ހުރިކަމަށް ބެލެވޭ އަނިޔާތަކުގެ ނިޝާންތައް އޭނާގެ ހަށިގަނޑުން ފެންނަން ހުރި." ފުލުހުން ވިދާޅުވިއެވެ.
އަންހެން މީހާ އަށް އިކޮނަމިކް މިނިސްޓްރީ އިން މިމަހުގެ 23 ވަނަ ދުވަހު ސޭފް ހައުސްއެއް ހަމަޖައްސަންދެން އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
އަންހެން މީހާގެ ފިރިމީހާ މެއި 25 ވަނަ ދުވަހު 22:00 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅެނިކޮށް އިމިގްރޭޝަނުން އޭނާ ހިފަހައްޓާފައިވާ ކަމަށާއި އޭނާގެ އަތުގައި އަންހެން މީހާގެ ޕާސްޕޯޓް ވެސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ވަނީ އެދުވަހު ފުލުހުންނާއި ހަވާލު ކޮށްފައެވެ.
މިދެމަފިރިން ރާއްޖެ އައިސްފައި ވަނީ މެއި 15 ވަނަ ދުވަހު ޓްއަރިސްޓް ވިސާ ގައެވެ.
އަންހެން މީހާގެ ފިރިމީހާގެ ބަންދަށް ހަތް ދުވަސް އަދި އަނެއް ތިން ފިރިހެނުންގެ ބަންދަށް 15 ދުވަހުގެ މުހުލަތެއް ކްރިމިނަލް ކޯޓުން ދީފައިވާއިރު، މިމައްސަލަ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ބަލަމުންނެވެ.