ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ބިލަކީ ހެއްވާ ޖޯކެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހިމް ޝަރީފް ވިދާޅުވީ، މި ހުށައެޅި ބިލަކީ ވަރަށް ބޮޑު ހެއްވާ ޖޯކެއް ކަމަށާއި މިއީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ކުރި މަލާމާތެއް އަދި ޖެއްސުމެއް ކަމަށެވެ.
"ބޮޑު ޕެންޑެމިކެއްގެ މެދުތެރޭގައި ރައޔިތުންގެ ވޯޓަކަށް ގޮސްގެން ނޫނީ ނުކުރެވޭނެ ކަމެއް މި މަޖިލީހަށް ހުށައެއް ނާޅާނެ ބުއްދި ސަލާމަތުން ހުރި ހަމަ އެކަކުވެސް. އެހެން ނޫނިއްޔާ ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖައްސަން، ރައްޔިތުންގެ ހާލަތު މިހާރަށް ވުރެ ފުން އަނދަވަޅަކަށް ވައްޓާލަން ނޫނީ މީހަކު ކުރާ ޒާތުގެ ކަމެއް ނޫން މިއީ." ޝަރީޕް ވިދާޅުވިއެވެ.
އަޅުގަނޑުމެން މިތިބީ ލޯކަލް ކައުންސިލް އިންތިހާބުވެސް އެއް އަހަރަށް ފަސް ކޮށްފައި ކަމަށާއި 200، 300 މިލިއަން ރުފިޔާ ހަރަދު ކުރަނީ ކޮންތާކުން ހޯދާ ލާރިއަކުންތޯ ސުވާލު އުފެއްދެވިއެވެ. އަދި މި ގައުމު ސިޔާސީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުމުގެ ބޭނުމުގައި ނޫނިއްޔާ މިފަދަ ހުށައެޅުމެއް އެއްވެސް މީހަކު ހުށައެއް ނާޅާނެ ކަމަށް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ވަކި ނިޒާމެއްކަމަށް ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.
މީގެ އިތުރުން 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ޖާބިރުގެ އިތުރުން މި ބިލަށް ބަހުސްކުރައްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ. އިތުރު އެއްވެސް މެމްބަރަކު މިބިލަށް ބަހުސް ކުރެއްވުމުގެ ފުރުސަތަކަށް އެދިފައެއް ނުވެއެވެ.




