ބިންގަނޑު ފައިބައިފައިވާ ސަރަހައްދެއް ސާފުކުރަނީ

ބިންގަނޑު ފޭބުގެ ހާދިސާތަކުގައި ވެއެޓްނާމުން 19 މީހުން މަރުވެއްޖެ

ތޫފާން މެލާވޭގެ ސަބަބުން ވެއެޓުނާމަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިނގި ބިންގަނޑު ފޭބުމުގެ ހާދިސާތަކުގައި 19 މީހުން މަރުވެއްޖެއެވެ.

ވެއެޓުނާމަށް މެލާވޭ ތޫފާން އަރައިފައިވަނީ އިއްޔެއެވެ. މި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ވައި ގަދަވުމުގެ ސަބަބުން ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މިހާތަނަށް 19 މީހުން މަރުވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކުވަނީ ގެއްލިފައެވެ.

ގަޑިއެއްގެ އިރުތެރޭ 145 ކިލޯމީޓަރުގެ ބާރު މިނުގައި ތޫފާން އެރި ސަރަހައްދުތަކަށް ވައިޖެހިފައިވާއިރު 375،000 ގާތްކުރާ އަދަދަށް މިސަރަހައްދުތަކުން މީހުންވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ތޫފާނުގެ ސަބަބުން ހަލާކުވެފައިވާ ގެޔެއް

ވެއެޓުނާމުގެ ރަސްމީ ޚަބަރުފަތުރާ މީޑިއާއިން މައުލޫމާތު ދޭގޮތުގައި ތޫފާން މިއަދު އެގައުމުގެ ހުޅަނގުން ތައިލެންޑު އަދި މިޔަންމާއާއި ދިމާލަށް މިސްރާބު ޖަހައިފައިވާއިރު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވެއެޓުނާމުގެ ކަމާބެހޭ ފަރާތްތަކުން މިއަދުވަނީ ފަށައިފައެވެ. މިމަސައްކަތުގެ ތެރެއިން މިހާތަނަށް 19 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށްވެސް ވެއެޓުނާމުގެ ރަސްމީ ޚަބަރުފަތުރާ މީޑިއާއިން ބުނެފައިވެއެވެ.

ބިންގަނޑު ފޭބުމުގެ ހާދިސާތައް ކުރިމަތިވި ސަރަހައްދުތަކުގައި ބުލްޑޯޒަރ ބޭނުން ކޮށްގެން ސިފައިން އައްނަނީ ވެލިގަނޑުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ފަށައިފައެވެ. ވީނުވީއެއް ނޭންގޭ 40 ވުރެ ގިނަ މީހުން އަދިވެސް ވާނެކަމަށް އެގައުމުގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.

މިމަހުގެ ކުރީކޮޅުން ފެށިގެން ވެއެޓުނާމުގެ މޫސުން ގޯހެވެ. މިގޮތުން މެލާވޭ ތޫފާން އިއްޔެ ވެއެޓުނާމަށް އަރައިފައިވަނީވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބަޔެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ