ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ މާރޝަލް އައިލެންޑްސް އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިއްޖެއެވެ.
މާރޝަލް އައިލެންޑްސްގެ ސަރުކާރުން ބުނީ ކޮވިޑް-19 ފެނިފައިވަނީ އެމެރިކާގެ ބޭސްގައި މަސައްކަތްކުރަން އެގައުމުން އައި ދެމީހުންގެ ގައިން ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި މި ދެމީހުންނަކީ މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ހަވާއީ އިން އައި ދެމީހުންނެވެ. އެމެރިކާގެ އަސްކަރީ ވައިގެ އުޅަނދެއްގައި އައި މި ދެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ އައިސޮލޭޝަން ފެސިލިޓީގައި ހުއްޓައެވެ. މިހެންކަމުން މި ދެމީހުންގެ ސަބަބުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
ކޮވިޑް-19 ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ފެނިފައި ވީނަމަވެސް މިބަލި މުޅި ދުނިޔޭގައި ފެތުރެންފަށައިފައިވަނީ މިއަހަރުގެ ކުރީކޮޅެވެ. ބަލީގެ ނުރައްކާ އިންތިހާ ދަރަޖައަށް ބޮޑުވެ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފެށުމާއެކު މާރޝަލް އައިލެންޑްސް އިންވަނީ އެގައުމުގެ ބޯޑަރު މާރޗްމަހުގެ ތެރޭގައި ބަންދުކޮށްފައެވެ.
މިހެންނަމަވެސް ޖޫންމަހުގެ ތެރޭގައި މާރޝަލް އައިލެންޑްސް އިންވަނީ އެގައުމުން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. މިގޮތުން އެމެރިކާގެ އަސްކަރީ ބޭސްގައި މަސައްކަތްކުރާ ފަރާތްތަކުން އެގައުމަށް ދަތުރުކުރުމުގެ ހުއްދަވަނީ ދީފައެވެ. ނަމަވެސް މިފަރާތްތައްވެސް ތިންހަފްތާގެ މުއްދަތަށް ކަރަންޓީންވާން ޖެހެއެވެ.




