ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އީރާނުން އާ ފިޔަވަޅުތަކެއް

އީރާނުގައި ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެގައުމުން އާ ފިޔަވަޅުތަކެއް އަޅައިފިއެވެ.

މި ފިޔަވަޅުތައް އެޅިކަން އިއުލާން ކޮށްފައިވަނީ އީރާނުގެ ރައީސް ހަސަން ރޫހާނީ މިއަދު އެގައުމުގެ ޓީވީ މެދުވެރިކޮށް ދުރައްދެއްކި އެގައުމުގެ ކޮވިޑް-19 ޓާސްކް ފޯސްގެ މީޓިންގައެވެ.

އެގައުމުގައި މިއަދު އަލަށް އެޅި މި ފިޔަވަޅުތައް އެގައުމުގެ 31 ޕްރޮވިންސުގެ ތެރެއިން 25 ޕްރޮވިންސެއްގައި ތަންފީޒް ކުރާނެއެވެ. މި ޕްރޮވިންސްތަކަކީ ކޮވިޑް-19 އެލާޓް ލެވެލް ރެޑްގައި މިހާރުވެސް އޮތް ޕްރޮވިންސުތަކެކެވެ.

އަލަށް އެކުލަވާލި ފިޔަވަޅުތައް އައްނަ ބުދަ ދުވަހުން ފެށިގެން ތަންފީޒްވާއިރު، ސިނަމާ، ކެފޭ، ޖިމް، އަދި ޕޫލްފަދަ ތަންތަން 10 ދުވަހުގެ މުއްދަތައް ބަންދުކުރާނެއެވެ. އިވެންޓުތައް ބޭއްވުމާއި ގިނަމީހުން އެއްތާކަށް އެއްވެއުޅުން މަނާކުރާއިރު ތައުލީމް ދިނުން އޮންލައިންކޮށް ބަދަލު ކުރާނެއެވެ.

އިރާނުގެ ސިއްހީ ވުޒާރާގެ ތަރުޖަމާން ސިމާ ސާދާތް މިއަދު އިއުލާންކުރި އެގައުމުގެ ކޮވިޑް-19ގެ ތަފާސްހިސާބުގައި ބުނެފައިވަނީ، އަލަށް އެބަލީގައި އީރާނުން 386 މީހުން މަރުވެފައިވާ ކަމަށެވެ. މިއާއެކު މިބަލީގައި އީރާނުން ޖުމްލަ މަރުވި މީހުންގެ އަދަދުވަނީ 35،000 ގާތްކޮށްފައެވެ. މީގެއިތުރުން އަލަށް 7,820 މީހުން ޕޮޒިޓިވުވި ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 612,772 އަރައިފައެވެ.

ކޮވިޑް-19 ޖެހިގެން އީރާނުން އެއްދުވަހުގެ ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މިދުވަހު އީރާނުންވަނީ 415 މީހުން މަރުވެފައެވެ. އީރާނުން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހިފައިވަނީ އިއްޔެއެވެ. މިގޮތުން އިއްޔެ އެގައުމުންވަނީ 8,293 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ