މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ތިން އަތޮޅެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ފަސް މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ށ.ފުނަދުއާއި ތ. ކިނބިދޫގެ އިތުރުން ޏ.ފުވައްމުލައް ސިޓީގައެވެ.
ފުލުހުން ވިދާޅުވީ، ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 31 އަހަރުގެ މީހަކާއި 63 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުން ވިދާޅުވީ އެރަށު ބަނދަރު ސަރަހައްދުން އެ ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 34 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.
ކިނބިދޫގައި ހިންގި އޮޕަރޭޝަނަކީ ވޭމަންޑުން ކިނބިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން ވިދާޅުވީ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 24 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މީގެއިތުރުން މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުވައްމުލަކު ސިޓީގައިވެސް ފުލުހުން ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ.
އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.




