ރާއްޖެއައިސްތިބި ޓުއަރިސްޓުންތަކެއް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ފަތުރުވެރިންނާއި ރިސޯޓު މުވައްޒަފުން ކަރަންޓީން ކުރާނެ ހާއްސަ ރިސޯޓެއް ހޯދަނީ

ކޮވިޑަށް ޕޮޒިޓިވްވާ ފަތުރުވެރިންނާއި ރިސޯޓު މުވައްޒަފުން ކަރަންޓީން ކުރާނެ ހާއްސަ ރިސޯޓެއް ކަނޑައެޅުމަށް ނިންމައި އެފަދަ ރިސޯޓެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކޮވިޑް-19 އަށް ފައްސިވާ އަދި ކޮންޓްރެކްޓް ޓްރޭސިންގ ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ޓުއަރިސްޓުންނާއި އަދި މުވައްޒިފުން މިރިޒޯޓުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެންބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 16 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޝައުޤުވެރިކަން ހުށަހެޅުއްވުމަށް އެދިލައްވާކަމަށް މިއަދު ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 09 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރެއްވަން ޖެހޭނެއެވެ.

މިކަމަށް ޝައުގުވެރިވާ ރިސޯޓަކީ މަދުވެގެން 50 ކޮޓަރީގެ ރިޒޯޓަކަށްވާން ޖެހެއެވެ. އަދި މާލެ އަތޮޅު، އއ އަތޮޅު އދ އަތޮޅު ނުވަތަ ވ އަތޮޅުގައި އޮންނަ ރިޒޯޓެއް ކަމުގައިވާން ޖެހޭއިރު 3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މުޅި ރިޒޯޓް ލިބެން ޖެހޭނެ ކަމަށް މިނިސްޓްރީގެ އިޢުލާންގައި ވަނީ ބުނެފައެވެ.

ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް ރިޒޯޓުން ހަމަޖެހެން ހުރުމުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ (އެޗް.ޕީ.އޭ) ގެ އެންމެހައި ޤަވާއިދުތަކަށް ފެތޭ ފަދަ ރިޒޯޓަކަށްވާން ޖެހޭނެ ކަމަށްވެސް އެ އިޢުލާންގައި ބުނެފައިވެއެވެ.

މިކަމަށް ޝައުޤުވެރިކަން ހުށަހަޅަންވާނީ 16 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކަމަށާއި އެގަޑިއަށް ފަހު ހުށަހެޅޭ އެއްވެސް ލިޔުމެއް ބަލައެއް ނުގަންނާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ