އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ބައި އިންޑިއާގެ ކިބައިން މިނިވަން ކުރުމަށް ހަނގުރާމަކުރާ އިސް ކޮމާންޑަރެއް ކަމަށްވާ ސައިފުﷲ މިރް އިންޑިއާ ސިފައިން މިއަދު މަރާލައިފިއެވެ.
ސައިފުﷲ މިރް އަކީ ކަޝްމީރުގައި އިންޑިއާ އާއި ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރެއިން އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ހިޒްބުލް މުޖާހިދީންގެ އިސް ކޮމާންޑަރެކެވެ.
ކަޝްމީރުގެ އިންސްޕެކްޓަރ ޕޮލިސް ޖެނަރަލް ވިޖޭ ކުމާރް ބުނެފައިވަނީ ސައިފުﷲ މަރާލުމުގެ އޮޕަރޭޝަން ހިނގައިފައިވަނީ ލިބުނު އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން މިއަދު ކަމަށެވެ. މި އޮޕަރޭޝަން ހިންގައިފައިވަނީ ކަޝްމީރުގެ ސިރީނަގަރުގައި ކަމަށެވެ.
ވިޖޭ ކުމާރް އިތުރަށް ބުނެފައިވަނީ ހަނގުރާމަވެރިންނާއި ދެކޮޅަށް ބަޑީގެ ހަމަލާތައް ބަދަލު ކުރެވުނު ކަމަށާއި މި ހަމަލާގައި ހަނގުރާމަވެރިންގެ ބަޔެއް ފަރާތްތައް ހައްޔަރުވެސް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، މި ހަމަލާތަކާއި ގުޅިގެން ހަނގުރާމަވެރިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.




