ޔުނާން އާއި ރިހުލާ

ޔުނާންއަށް ނުވަ ދައުވާ، ރިހުލާއަށް ފަސް ދައުވާ!

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފި އެވެ.

ޕީޖީ އޮފީހުން ބުނީ ގދ. ހޯނޑެއްދޫ، އަލަމާގެ، މުޙައްމަދު ޔުނާންއާއި، ކ. މާލެ، މ. ނަރުގިސްމާގެއާގެ، ފާތިމަތު ރިހުލާ، 2019 ވަނައަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި، މުހައްމަދު ޔުނާންގެ މައްޗަށް 9 ދައުވާ އަދި ފާތިމަތު ރިހްލާގެ މައްޗަށް 5 ދައުވާ ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހުށަހަޅައިފައިވާ ކަމަށެވެ.

މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއިއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އޮންޓޫބަރު މަހުގެ 5 ވަނަ ދުވަހުއެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ އޮކްޓޫބަރު 3 ވަނަ ދުވަހުއެވެ.

މި ދެމީހުން ހައްޔަރު ކުރުމުގެ ކުރިން، މި ދެމީހުން ހައްޔުރުކުރުމަށް ގޮވާލާ އެމީހުން ދިރިއުޅޭ ގެ ކައިރިއަށް އާންމުން އެއްވެ ވަނީ އަޑު އުފުލާފައެވެ.

ޔުނާންއަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ 2 ދައުވާ، ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ 2 ދައުވާ، ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ އަދި އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާއެވެ.

ރިހުލާއަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އަދި ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާއެވެ.

ޔުނާންގެ މައްޗަށްކޮށްފައިވާ ދަޢުވާތައް ސާބިތު ވެއްޖެނަމަ 110 އަހަރާއި 133 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ރިހުލާގެ މައްޗަށް 50 އަހަރާއި  61 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ