ކަނޑިންމަ މުވައްޒަފުގެ މަރު: ރިސޯޓު މެނޭޖްމެންޓުން އިހުމާލުވި ކަމުގެ ތުހުމަތުތަކެއް!

މިދިޔަ އޮކްޓޯބަރު މަހުގެ 30ގައި، ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ހާލުބޮޑުވެގެން، ދ.ކުޑަހުވަދޫ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދަނިކޮށް ނިޔާވި ދ. މާ އެނބޫދޫ، އާދަމް ނަސީރުގެ މަރަކީ ކޮވިޑް-19ގެ މަރެއްގެ ގޮތުގައި އެޗްޕީއޭއިން ވަނީ ނިއްމާފައެވެ. ހާލުބޮޑުވެގެން ކުޑަހުވަދޫއަށް ގެންދިޔަތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ތެރޭގައި ނަސީރު ނިޔާވިއިރު، ނަސީރުގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނުނު ކަމުގެ މައުލޫމާތާއެކު ބައްޔަށް ޓެސްޓުކުރުމުން، އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި ނަސީރު ނިޔާވުމުގައި ރިސޯޓުގެ މެނޭޖުމެންޓް ޓީމުން އިހުމާލުވެފައިވާކަމުގެ ތުހުމަތުތަކަށް މެނޭޖްމެންޓަށް އަންނަނީ ކުރަމުންނެވެ.

މީސްމީޑިއާގައި ފެތުރިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ނަސީރު ނިޔާވުމުގެ ދެ ހަފްތާއެއްހާ ކުރިން އޭނާގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ވަނީ ފެނިފައެވެ. އެގޮތުން ކޮވިޑް-19ގެ އަލާމާތްތައް ކަމުގައި ބެލެވޭ ހުންއައުމާއި، ކާއެއްޗެހީގައި ރަހަނުލުން އަދި ކަރުގައި ރިއްސުމުގެ އަލާމާތްތައް ނަސީރުގެ ކިބައިން ފެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ހާލަތު ގޮސްވާން ފެށުމުގެ ސަބަބުން، އެކަން ކަނޑިންމަ ރިސޯޓުގެ މެނޭޖްމެންޓަށް އަންގާ، ފަރުވާއަށް މާލެއަށް ދިއުމަށް އެދުމުންވެސް އެކަމަށް މާބޮޑު އަޅާލުމެއް މެނޭޖްމެންޓު ޓީމުން ދީފައި ނުވާކަމުގެ ތުހުމަތުތަކެއް މެނޭޖްމެންޓް ޓީމަށް އަންނަނީ ކުރަމުންނެވެ.

ނަސިރުގެ އާއިލާ އާއި އެކު މަސައްކަތް ކުރި ބައެއް މީހުން "މިހާރު" ނޫހަށް މައުލޫމާތު ދީފައިވާގޮތުގައި، ނަސީރު ނިޔާވުމުގެ ދެ ހަފްތާއެއް ހާކުރިން ހުން އައުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ ޤަވާއިދުން ޕެނަޑޯލު ކަމުންދިއައެވެ. ނަމަވެސް ޕެނަޑޯލު ކައިގެންވެސް ރަނގަޅު ނުވެ، ފަހުން ކާއެއްޗެހީގައި ރަހަ ނުލުމާއި އަދި ވަސް ނުދުވުމުންފަދަ އަލާމާތްތައް ފެނުމުން، ޓެސްޓު ހެދުމަށް މާލެއަށް ފޮނުވައިދިނުމަށް އެދި އެޗްއާރު ޑިޕާޓްމެންޓުގައި ނަސީރު އެދުނު ކަމަށް އެ ނޫހަށް މައުލޫމާތު ދީފައިވެއެވެ.

ފަރުވާ އަށް މާލެ ފޮނުވުމަށް އެދިފައި އޮންނަތާ ގާގްގަނޑަކަށް ދިހަ ދުވަސްފަހުން، މިދިޔަ މަހުގެ އޮކްޓޯބަރު 30 ގައި ނަސީރުގެ ހާލު ސީރިއަސްވެ، ޑޮކްޓަރުގެ ލަފައާއެކު ކުޑަހުވަދޫއަށް ގެންދިޔަ ނަމަވެސް، އޭނާ ވަނީ ނިޔާވެފައެވެ. އަދ މީސްމީޑިއާގައި ފެތުރިފައިވާ މައުލޫމާތަކަށް ބަލާއިރު، އެދުވަހުގެ ކުރީ ދުވަހު،( އޮކްޓޯބަރު 29)ގައި ނަސީރު ފާހާނާއަށްވެސް ވަނީ ވެއްޓިފައެވެ. އަދި އިތުރު މަަވައްޒަފެއްގެ އެހީގައި އޭނާ ރިސޯޓުގެ ޑޮކްޓަރަށް ދެއްކިއިރު، ނަސީރުގެ ހާލު ސީރިއަސްކަމަށް، އެޗްއާރު ޑިރެކްޓަރ އަށް ނަސީރު ބެލި ޑޮކްޓަރު އެންގި ކަމަށް ވާހަކަ ފެތުރިފައިވެއެވެ.

މީގެ އިތުރުން، އެކި ފަހަރު މަތިންވެސް އެޗްއާރު ޑިޕާޓްމެންޓަށް ނަސީރުގެ ހާލަތު އަންގާ، ފަރުވާއަށް ފޮނުވައިދިމަށް އެދުމުން، ފޮނުވެން ނެތްކަމަށާއި، އަދި ދާން ބޭނުންނަމަ ކެނޑިގެން ދިއުމަށް އަންގާފައިވާކަމަގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.

ނަސީރު މަރުވުމުގައި ކަނޑިންމައިގެ އިހުމާލު އޮތް ކަމުގެ ތުހުމަތުތައް ނަސީރުގެ އާއިލާއިންނާއި އަދި ރިސޯޓުގެ މުވައްޒަފުންވެސް ކުރަމުންދާއިރު، މިކަމާއި ގުޅިގެން ރިސޯޓުން އެއްވެސް ވާހަކައެއް އަދި ނުދައްކައެވެ.

ނަމަވެސް ކަނޑިންމަ މުވައްޒަފު މަރުވުމުގައި ރިސޯޓުގެ އިހުމާލު އޮތް ކަމަށް ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަނުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި މި މައްސަލަ ބަލައި އިންސާފު ހޯދައިދޭން، ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އިން ވަނީ ގޮވާލައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ