ރައީސް މުޙައްމަދު ނަޝީދު | ފޮޓޯ: މަޖިލިސް

ކޯނީ ރިޕޯޓަށް އަމަލުނުކުރާހާ ހިނދަކު ބަގާވާތް ކޮއްފާނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސް ޑރ. މުހައްމަދު ވަހީދު އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނި) ރިޕޯޓަށް އަމަލުނުކުރާހާ ހިނދަކު ބަގާވާތް ކޮއްފާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ދާދިދެންމެއަކު ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި ރައީސް ނަޝީދު ވިދާޅުވީ، ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާނެ ކަމަށާއި އެކަންކަން ތަންފީޒް ނުކުރާހާ ހިނދަކު އަނެއްކާވެސް ބަގާވާތެއް ނުކުރާނެ ކަމަށް ދައްނަވަން ނުކެރޭނެ ކަމަށެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދަައްކަވައިފައި މިވަނީ، 2012 ވަނަ އަހަރުގެ ފެބުރުއަރީ ހަތްވަނަ ދުވަހު ސަލާމަތީ ބާރުތަކާއި އަދި އިދިކޮޅު ފަރާތްތައް ގުޅިގެން ހިނގި ކަންތައް ކުރިއަށް އޮތްތާގައި ދެން ތަކުރާރު ނުވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނިކޮށެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، އެދުވަހު ހިނގާދިޔަ ކަންތައްތަކުން ވަރަށް ބޮޑު އިބްރަތެއް ލިބިގެން ހިނގައްޖެ ކަމަށާއި ދެން އެފަދަ ކަމެއް ފުލުހުންގެ ކިބައިން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

ވެރިކަން ބަދަލުވި ގޮތް ބެލުމަށް ފެބުރުއަރީ މަހުގެ ތެރޭގައި އުފެއްދެވި އިންކުއަރީ ކޮމިޝަނުން ވަނީ މައިގަނޑު ހަތަރު ކަމެއް ބަލާފައެވެ. އެއީ 2012 ޖެނުއަރީ 14 އިން ފެށިގެން ފެބްރުއަރީ 8 ވަނަ ދުވަހާ ދެމެދު ރާއްޖޭގައި ހިންގި ކަންކަން ބަލާފައިވާއިރު ހަތެއް ފެބްރުއަރީ ގައި ވެރިކަން ބަދަލުވިގޮތުގެ އިތުރުން ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާއި ހިލާފް މަޖުބޫރުކުރުމުގެ ތެރެއިން ތޯ އާއި ވެރިކަން ބަދަލުވީ ގާނޫނާއި އެއްގޮތައްތޯ ބަލާފައިވެއެވެ.

ހަ މަސްދުވަސްވަންދެން އެކޮމިޝަނުން ކުރި މަސައްކަތަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ހަތެއް ފެބްރުއަރީ ގައި ޑރ. ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ ގާނޫނާއި އެއްގޮތަށް ކަމަށެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާއި ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ހިމެނިގެން ނުވާ ކަމަށާއި އެ ތުހުމަތު ތަކަށް ބާރުލިބިދޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެކޮމިޝަނަށް ލިބިފައިނުވާ ކަމަށް އެކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ