ރަށަށް ގޮސް ކަރަންޓީނުވާން ޖެހޭ ޖެހުން އުވާލުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށާއި، ލުއިތަކާއި އަދި ފިޔަވަޅުތަކާއި ގުޅޭގޮތުން އަބަދުވެސް މަޝްވަރާ ކުރެވޭ ކަމަށާ ނިންމުންތައް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރަށުގައި ކަރަންޓީނުވާންޖެހޭ ނިންމުން އުވާލުމުގެ ކުރިން ބޮޑަށް ބަލަނީ ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންނާއި އެކްޓިވް ސަވައިލަންސްގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ކަމަށެވެ. އަދި އަންލިންކްޑް ކޭސްތައް ޕޮޒިޓިވްވާ ނިސްބަތް ވެސް ބެލިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ބަދަލުކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް އަދި ވަކި ގޮތެއް އެކަމުގައި ނިންމާފައި ނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއިރު މީގެ ކުރިން ޑރ. ނަޒްލާ ވަނީ މާލޭގައި ކޮވިޑް-19 ފެތުރެމުންދަނިކޮށް ކަރަންޓީނު ނުވާ ގޮތަށް ރަށްރަށަށް މީހުން ފޮނުވުމަކީ ރައްކާތެރި ގޮތެއް ނޫން ކަަމަށެވެ. އަދި ކަރަންޓީނު ނުވާގޮތަށް ރަށްރަށަށް ފޮނުވާނީ މާލެއިން ކޮމިއުނިޓީ ސްޕްރެޑް ހުއްޓުމުން ކަމަށް ވިދާޅުވިއެވެ.




