ޕެނަލްޓީއިން ހެޓްރިކްހަދައި ވެލެންސިއާއިން ރެއަލްމެޑްރިޑް ބަލިކޮށްފި

ޕެނަލްޓީއިން ހެޓްރިކްހަދައި ވެލެންސިއާއިން ރެއަލްމެޑްރިޑް ބަލިކޮށްފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މިމެޗުގައި ރެއަލްމެޑްރިޑްގެ މައްޗަށް ވެލެންސިއާއިން ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.

ވެލެންސިއާ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ ރެއަލްމެޑްރިޑުންނެވެ. މެޗުގެ 23 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ޕެނަލްޓީ އޭރިއާ ބޭރުން ކަރިމް ބެންޒެމާ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

އަދި އޭގެ ހަމިނަޓްފަހުން އޭރިއާތެރެއިން ރެއަލްމެޑްރިޑްގެ ވަޒްކަޒް އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ވެލެންސިއާއަށް ޕެނަލްޓީއެއް ލިބުނެވެ. ނަތީޖާ ހަމަހަމަކުރަށް ލިބުނު މިފުރުޞަތުގައި ސޮލޭރް ފޮނުވާލި ހަމަލާ ރެއަލްމެޑްރިޑްގެ ކީޕަރު ކޯޓުއާ ދިފާޢުކުރިއިރު، ބައުންސްވެގެން އައި ބޯޅަ ދެވަނަ ފަހަރަށް ވެސް ސޮލޭރް ފޮނުވާލިއެވެ. މިހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއާއެވެ. އަދި ދަނޑީގައި ޖެހިފައި ނުކުތް ވަގުތު މޫސާ އެބޯޅަ ގޯލްތެރެއަށް ފޮނުވާލިނަމަވެސް ވީއޭއާރު ބެލުމަށްފަހު އެލަނޑު ކެންސަލްކުރީ ސޮލޭރް ފޮނުވާލިއިރު މޫސާ އޭރިއާ ތެރޭގައި ހުރުމުންނެވެ. އަދި ދެވަނަ ފަހަރަށް ޕެނަލްޓީ ޖަހަން ރެފްރީ އެންގިއެވެ. މިފަހަރު ސޮލޭރްވަނީ ޕެނަލްޓީ ގޯލް ތިރީކަނަށް ފޮނުވާލައިގެން ވެލެންސިއާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގައި ވެލެންސިއާއަށް ލިޑު ލިބުނީ އަރިމަތިން ހުރަސްކުރި ބޯޅައެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ރެއަލްމެޑްރިޑްގެ ޑިފެންޑަރު ވެރޭން އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. ވެރޭން ފައިގައި ޖެހި މައްޗަށް އެރި މިބޯޅަ ޑައިބްކޮށްފައި އޮތް ކޯޓުއާ ބޯމަތިން ގޯލްގެތެރެއަށް އޮހުނީ ވެރޭން އަދި ކޯޓުއާވެސް ބޯޅަ ދިފާޢުކުރުމަށް މަސައްކަތްކުރަމުން ދަނިކޮށްނެވެ.

މިލަނޑާއެކު ލީޑުގައި އޮވެ ވެލެންސިއާއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފުގައި ވެލެންސިއާއިން ޖެހި އަނެއް ދެލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ދެ ޕެނަލްޓީއިންނެވެ. މި ދެ ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ޕެނަލްޓީވެސް ކާމިޔާބުކޮށްދިން ސޮލޭރްއެވެ. ދެވަނަ ހާފުގައި ވެލެންސިއާއަށް ލިބުނު ފުރަތަމަ ޕެނަލްޓީއަކީ ރެއަލްމެޑްރިޑްގެ ޑިފެންޑަރު މާސެލޯކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އަދި ދެވަނަ ޕެނަލްޓީއަކީ ބޯޅަ ދިފާޢުކުރަން އުޅުމުގެ ތެރޭގައި ޑިފެންޑަރު ރާމޯސްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ދިން ޕެނަލްޓީއެކެވެ.

މިމެޗުން ދަށްވެ ރެއަލްމެޑްރިޑްވަނީ ތާވަލްގެ ހަތަރު ވަނައަށް ވެއްޓިފައެވެ. 8 މެޗުން ރެއަލްމެޑްރިޑަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ތާވަލްގެ އެއްވަނާގައި ރެއަލް ސޮސިޑާޑު އޮތީ 9 މެޗުން ލިބުނު 20 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ