ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ނޭމާ އާ ކޮށްފިއެވެ.
ޕީއެސްޖީއާއެކު ނޭމާ އިތުރު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާއިރު، މި އާ އެއްބަސްވުމާއި ގުޅިގެން 2025 ވަނަ އަހަރުގެ ޖޫން 30 އާއި ހަމައަށް އޭނާ ޕީއެސްޖީގައި މަޑުކުރާނެއެވެ. ނޭމާގެ އެއްބަސްވުން އާކޮށްފައި މިވަނީ މުއްދަތު ހަމަވާން އެއް އަހަރަށް ވެފައި ވަނިކޮށެވެ. ނޭމާ ޕީއެސްޖީއާއެކު ހަދާފައި އޮތް އެއްބަސްވުން ހަމަވަން އޮތީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ.
އެއްބަސް އާކުރުމަށްފަހު ނޭމާ ބުނީ، ޕީއެސްޖީގައި ހުރީ ވަރަށް އުފަލުން ކަމަށާއި، ބޭނުންވަނީ ޕީއެސްޖީއާއެކު ވީހާވެސް ގިނަ ކާމިޔާބީތަކެއް ހޯދުންކަމަށެވެ.
ޕީއެސްޖީގައި މިހޭދަކުރި ދުވަސްތަކުގައި ކުޅުންތެރިއެއްގެ ގޮތުންނާއި އަދި ފަރުދެއްގެ ގޮތުންވެސް ގިނަ އެއްޗެހިތަކެއް ދަސްވެފައިވާއިރު، ޕީއެސްޖީގެ ތާރީޚީ މި ޓީމުގައި ހިމެނުމަކީ ނުހަނު ފަޚުރުވެރިވާކަމެއްކަމަށްވެސް ނޭމާ ބުންޏެވެ.
????❤️????#NeymarJr2025 pic.twitter.com/sGM4K27n7T
— Paris Saint-Germain (@PSG_English) May 8, 2021
ނޭމާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައި މިވަނީ އަލުން އަނބުރާ ބާސާއަށް ދާން އޭނާ އުޅޭ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ. އަދި މެސީއާއި އެއްޓީމަކަށް ކުޅެން ބޭނުންވާކަމަށް ހުދު ނޭމާވެސް ވަނީ ބުނެފައެވެ.
ބާސެލޯނާއާއެކު ހުއްޓުމެއްނެތި ކާމިޔާބީތައް ހޯދަމުންއައި ނޭމާ އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ބާސެލޯނާ ދޫކޮށް ޕިއެސްޖީއަށް ބަދަލުވީ 2017 އޮގަސްޓްމަހުއެވެ. ނޭމާ ޕީއެސްޖީއަށް ބަދަލުވީ ރެކޯޑު އަގެއްކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ.
އުމުރުން 29 އަހަރުގެ ނޭމާ ޕީއެސްޖީއަށް މިހާތަނަށް ކުޅެދިން 112 މެޗުން 85 ލަނޑުވަނީ ކާމިޔާބުކޮށްފައެވެ. އަދި ޕީއެސްޖީއާއެކު މިހާތަނަށް ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވެއެވެ.



