ލޯބީގެ ބަދަލު (13)

(ބާރަވަނަ އަދަދާއި ގުޅޭ)

ނަޝާ ނިދުމުން އެނދުގައި ދެ އަތް ބާއްވާލުމަށްފަހު އަތްމަތީގައި ބޯ އަޅާލައިގެން އާރިމް އޮށޯވެލީ ލޮލަށް ބަރުވާން ފެށުމުންނެވެ. ބޯ ހަމަ ޖައްސާލުމާއެކު އޭނާއަށް ނިދޭކަށް މާ ގިނަ އިރެއް ނުވިއެވެ. ދެން ހޭލެވުނީ މީހަކު އޭނާގެ އިސްތަށިގަނޑުގައި ފިރުމާހެން ހީވެގެންނެވެ. މަޑުމަޑުން ލޯ ހުޅުވާ ބަލާލިއިރު ނަޝާ އޮތީ އޭނާއާ ދިމާއަށް އެނބުރިގެންނެވެ. ނިދީގެ އަސަރު ހުރުމުން އާރިމްގެ ދެލޯ އޭރު ހުރީ ރަތްވެފައެވެ.

"އައި ލަވް ޔޫ ޓޫ." ނަޝާގެ ދުލުން ނުކުތް އެ ލަފްޒުތަކާއެކު އާރިމްއަށް ކުއްލިއަކަށް ބޯ ހިއްލާލެވުނެވެ.

"އެއްޗެކޭ ބުނިންތަ؟ އެއްވެސް އެއްޗެއް ބޭނުންވީތަ؟" ނިންޖާ ހެދި ނަޝާ ބުނި އެއްޗެއް ސާފު ނުވުމުން އާރިމް ސުވާލުކޮށްލިއެވެ.

"އައި ލަވް ޔޫ ޓޫ." ލަދުން އޮވެ ނަޝާ ކުރިން ބުނި ލަފްޒުތައް އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. އެވަގުތު ކުއްލިއަކަށް އާރިމްއަށް އިން ތަނުން ތެދުވެވުނެވެ. އޭނާއަށް ހީވަނީ ހުވަފެނެއްގައި އުޅެވޭހެންނެވެ. އޭރު ނަޝާ އޮތީ ހިނިތުންވެލައިގެން އާރިމް އުޅެމުން ދާ ގޮތް ބަލާށެވެ.

"އަހަރެންގެ އަތުގަ ވިކާލަބަލަ! މި ފެންނަނީ ހުވަފެނެއްތަ؟" ނަޝާއާ ދިމާއަށް އަތް ދިއްކޮށްލަމުން އާރިމް ބުންޏެވެ. އެވަގުތު ނަޝާ ބާރަށް ހީގަނެފައި އާރިމްގެ އަތުގައި ވިކައިގަތެވެ.

"އައުޗް!" ތަދުވެގެން އާރިމްއަށް އަޑެއް ލައްވާލެވުނެވެ. އަދި އޭނާވެސް ނަޝާގެ ހުނުމުގައި ބައިވެރިވިއެވެ.

"ތެންކް ޔޫ!" ނަޝާގެ ނިތްކުރީގައި ބޮސް ދެމުން އާރިމް ނަޝާގެ ދެލޮލަށް ބަލާލިއެވެ. އަދި ކައިރީގައި އޮތް ނަޝާގެ އަތް ތިލައިގައި ހިފަހައްޓާލުމަށްފަހު ކުރިންވެސް އިން ގޮނޑީގައި އިށީނދެލިއެވެ.

"ކޮން ކަމަކަށް؟" އާރިމް ޝުކުރު އަދާކުރީ ކޮންކަމަކަށްކަން ނޭނގޭތީ ނަޝާ ސުވާލުކޮށްލިއެވެ.

"އަހަރެން ދެކެ ލޯބިވީމަ." ނަޝާގެ އަތް ތިލަ ނަގާ ތުންފަތުގައި ޖައްސާލަމުން އާރިމް ޖަވާބުދިނެވެ. އޭރު އެ ދެލޮލުން ލޯބި ނޫން އެއްޗެއް ފެންނާކަށް ނެތެވެ.

"އަސްލު އަހަރެން ދޯ ޝުކުރު އަދާކުރަން ޖެހޭނީ. އާރިމް އެހާ ކެއާ ކުރާތީ. މިހާރު އަހަންނަށް ޔަޤީންވެއްޖެ އަހަރެންގެ ދަރިފުޅު ދެކެވެސް އާރިމް ލޯބިވާނެކަން." ހިނިތުންވެލަމުން ނަޝާ ބުންޏެވެ.

"އެކަމަކު އަހަރެންގެ ޝަރުޠެއް އެބައޮތް." ކަމެއް ހަނދާންވެގެން ނަޝާ އަވަސް އަވަހަށް ބުންޏެވެ.

"ދެން އަނެއްކާ ނޫނެކޭ ނުބުނާތި ޕްލީޒް! މިއީ ޙަޤީޤަތެއްކަންވެސް ހިތަށް ވިސްނައި މިދެވުނީ އެތައް އިރަކުން." މޫނަށް ގޮތެއް ހަދާލަމުން އާރިމް ބުންޏެވެ. އާރިމްގެ މޫނުމަތިން ފެނުނު ކުލަވަރުން ނަޝާ ކައިރިއަށް ހިނިވެސް އަޔެވެ. ނަމަވެސް އޭނާ އަވަސްއަވަހަށް މޫނުމައްޗަށް ސީރިއަސް ކުލަވަރު ގެނައެވެ.

"އަހަރެން ބުނަން އުޅުނީ ރަނާގެ ވާހަކަ. އެއީ އާރިމްގެ ބައްޕަމެންގެ ހޮވުމެއް. އަދި އަހަންނަށް އެނގޭ ރަނާ އާރިމް ދެކެ ވަރަށް ލޯބިވާކަންވެސް. އެހެންވީމަ އަހަރެމެން ދެމީހުން ގުޅެން ރަނާ އެއްބަސް ނޫންނަމަ އަހަރެން ދުރަށް ދާނަން. އެކަމަކު ރަނާ ބޭނުންނަމަ އަހަރެން މިހުރީ ދެ އަނތްބަށް އިންނަންވެސް ތައްޔާރަށް." ނަޝާ ވާހަކަ ދެއްކީ ވަރަށް ވިސްނުންތެރިކަމާއެކު އާރިމްގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރުތަކަށް ބަލަން އޮވެގެންނެވެ. ރަނާގެ ވާހަކަ ފެށި ހިސާބުން އާރިމް އިސްދަށަށް ޖަހާލިއެވެ. އަދި ބަސްއަހާ ކުޑަކުއްޖެއްހެން އަޑު އަހަން އިނެވެ.

"އެކަމަކު އަހަރެން ރަނާދެކެ ލޯތްބެއް ނުވޭ. އަނެއް ކަމަކީ މިއީ އަހަރެންގެވެސް ދިރިއުޅުން. އަހަރެން އިންނާނީ އަހަރެން ބޭނުން މީހަކާއެއްނު. އެކަމުގެ އިޚްތިޔާރު ރަނާއަށް ތިދެނީ ކީއްވެ؟ އަހަންނަށް ތިދެވެނީ ކިހާ ބޮޑު އަނިޔާއެއް؟ އެއްވެސް އިންސާފެއް ނެތެއްނު؟" ނަޝާގެ ވާހަކަ ނިމުމާއެކު އިސްއުފުލާލާފައި ނަޝާއާ ހަތަރު ކަޅި ހަމަކޮށްލަމުން އާރިމް ބުންޏެވެ. އޭރު އެ ދެލޮލުން ފެންނަން ހުރީ ޝަކުވާއެވެ.

"ޕްލީޒް އާރިމް ވިސްނާލަބަލަ! ރަނާ ކިހާ ދުވަހަކު އާރިމްއަށް އިންތިޒާރުކޮށްފި. އަނެއްކާ މިހާރު ރަނާ އެވަނީ ކައިވެންޏަށް ހުރިހާ ތައްޔާރީއެއްވެސް ވެފަ.... މިއަދު ހެނދުނު ރަނާ އައި މިތަނަށް. ވަރަށް ގިނަ އިރު އިނދެފަ ދިޔައީ. ކައިވެންޏަށް އޭނާ ވެފައިވާ ހުރިހާ ތައްޔާރީއެއްގެ ވާހަކަ ދެއްކި. ވެޑިންގ ޑްރެސްވެސް މިހާރު ހުރީ ތައްޔާރަށޭ ބުނި." އެހިސާބަށް ވާހަކަ ކުރިއަށް ގެންދިއުމަށްފަހު ނަޝާ ކުޑަކޮށް މެދުކަނޑާލިއެވެ.

"ރަނާ ހީކުރާނެ ދޯ އަހަރެން މީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ. އޭނާ ހިތަށް އަރާނެ އެ ހުރިހާ ކަމެއް އެނގިހުރެ އަހަރެން އޭނާގެ ދިރިއުޅުން ހަލާކުކޮށްލަން ނިންމީއޭ." ދެރަވެލާފައި ނަޝާ ބުންޏެވެ.

"ނޫން! އަހަންނަށް އެނގޭ އެހެން ނޫންކަން ވީ." އާރިމް ދެރަވެލާފައި ބުންޏެވެ.

"ޕްލީޒް! މިކަމާ ވިސްނަބަލަ!" އަނެއްކާވެސް ނަޝާ އާދޭސްކޮށްލިއެވެ.

"އޯކޭ. ނަޝާ ބުނީތީ އަހަރެން ރަނާއާ ވާހަކަ ދައްކާނަން. އެކަމަކު އަހަރެން މީ ކުޅޭކުޅޭ އެއްޗެއް ނޫން. އަހަންނަކީވެސް އިންސާނެއް. ރަނާ ކީއްކުރަން ބައްޕަ ޤަބޫލު ނޫނަސް އަހަރެން ނަޝާއާ އިންނަން ބޭނުން. އެންމެ ކުޑަމިނުން އަހަންނަށް އެ ފުރުސަތު ދީފާނަންތަ؟ ޕްލީޒް!" އަނެއްކާވެސް އާދޭހާއެކު އާރިމް ބުންޏެވެ.

އެވަގުތު ނަޝާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. އެހެންކަމުން ނަޝާ އަވަހަށް އާރިމް ހިފަހައްޓާފައި އޮތް އޭނާގެ އަތް ދަމައިގަތެވެ. އާރިމްވެސް ގޮނޑީގައި ހަމަޖެހިލާފައި ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވާލާފައި ވަނީ ނަރުސް ކުއްޖެކެވެ. އެކުއްޖާ ވަދެފައި ބޭސް ކާ ގަޑި ޖެހުނީކަމުގައި ބުނެ ނަޝާ އަތަށް ބޭސް ގުޅަތަކެއް ދިނެވެ. ނަޝާ ބޭސް ކާން އިންދާ ޒޫނާވެސް އެތަނަށް އަޔެވެ. އަދި އާރިމް ކައިރީގައި ނިދަން ދާށޭ ބުންޏެވެ. ނަޝާގެ ޖަވާބެއް ނުލިބެނީސް އެތަނުން ދާކަށް އާރިމް ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ އާދޭހާއެކު ނަޝާއާ ދިމާއަށް އަނެއްކާވެސް ބަލާލިއެވެ. ނަމަވެސް ވަގުތުގެ ގޮތުން އެވާހަކަ ކުރިއަށް ނުގެންދެވޭނެކަން އެނގޭތީ އޭނާ އިސްދަށަށް ޖަހާލައިގެން ހުރެ އެތަނުން ނުކުތެވެ.

އާރިމް ގެއަށް ގޮސް ފެންވަރާލައިގެން އެނދުގައި އޮށޯވެލިއެވެ. އެއަށްފަހު ނަޝާ ދެއްކި ވާހަކަޔާމެދު ފުންކޮށް ވިސްނަން ފެށިއެވެ. ނަޝާވެސް އެ ވިސްނަނީ އެހެން މީހުންގެ އުފަލާމެދުގައެވެ. އޭނާއާ މެދު ވިސްނާނެ އެއްވެސް މީހެއް ނެތެވެ. އާނއެކެވެ. ރަނާ ގިނަ ދުވަސްތަކެއްވަންދެން އިންތިޒާރުކޮށްފިއެވެ. ރަނާ އޭނާދެކެ އިންތިހާއަށް ލޯބިވާކަންވެސް އެނގެއެވެ. އެކަމަކު އޭނާވެސް ނަޝާގެ ލޯތްބަށްޓަކައި ހާދަ ދިގު އިންތިޒާރެއްކޮށްފިއެވެ. މަންޒިލަށް ވާސިލްވާނެކަމުގެ މަލަމަތި ފެނިފެނި ހުއްޓާ އަނބުރާލާފައި އައިކޮޅަށް ދާންވީހެއްޔެވެ؟ ކޮންމެ މީހަކު ބުނިނަމަވެސް އަމިއްލަ ހިތަށް ގަދަކަމުން ބާރެއް ނުފޯރުވޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ.

އާރިމް ވިސްނަން އޮއްވާ ފޯނު ވައިބްރޭޓް ވިއެވެ. ބަލާލިއިރު އޮތީ ނަޝާގެ މެސެޖެކެވެ.

"ބައްޕަމެން އަދި ރަނާއާ ވާހަކަ ދެއްކުމަށްފަހު ލިބޭ ޖަވާބަކުން ނޫނީ އަހަންނަށް އާރިމްގެ ސުވާލަށް ޖަވާބެއް ނުދެވޭނެ. މީހަކަށް ދެރައެއް ދީފަ ތިމާއަށް ވަކި އުފަލަކު ނޫޅެވޭނެ. އާރިމް އަންޑަސްޓޭންޑްވާނެކަމަށް އުންމީދުކުރަން." މެސެޖުގައި އޮތީ ނަޝާގެ ފަހު ނިންމުމެވެ. އެ މެސެޖަށް ރައްދު ދޭން އުޅެފައިވެސް އެއީ ބޭކާރުކަމެކޭ ހިތަށް އެރުމުން އާރިމް އެކަން ހުއްޓާލިއެވެ.

އާރިމް ނިދާލާފައި ހޭލިއިރު ހުރީ މެންދުރު ބާރަ ޖަހާފައެވެ. ފޯނު ބަލާލިއިރު ބައްޕަގެ ތިން މިސްކޯލު އޮތެވެ. އޭނާ ޗުއްޓީ ނެގީ ބައްޕަ ކައިރީގައި ނުބުނެއެވެ. ބައްޕައަށް އެކަން އަންގަން އޭނާ ހަވާލުކުރީ އޭނާގެ ޕާސަނަލް އެސިސްޓެންޓް ޒާހިރުއާއެވެ.  ބައްޕައަށް ފިލައިގެން އުޅޭތާ މިހާރު ތިން ދުވަސް ވީއެވެ. އެކަމަކު ދެން އާރިމް ބޭނުންވަނީ ހުރިހާ ވާހަކައެއް ބައްޕައަށް ކިޔައިދޭށެވެ. ނަޝާ އެއްބަސްވާނީ ބައްޕަމެން ރުއްސިގެންނެވެ. އެހެންކަމުން އޭނާ ބައްޕަގެ ނަންބަރަށް ގުޅާލިއެވެ.

"ހަލޯ. އާރިމް ކޮންތާކުތަ ތި އުޅެނީ؟ ގެއިންވެސް ދިމާވަނީކީ ނޫން. ގުޅީމަ ފޯނު ނަގަނީކީ ނޫން. ކޮބާތަ މައްސަލައަކީ؟ ނުވެސް ބުނެ ޗުއްޓީވެސް ނަގައިގެން ދޯ ތިއުޅެނީ؟" ބައްޕަ ހިތްހަމަ ނުޖެހިފައި ހުރި ވަރު ވާހަކަ ދެއްކި ރާގުންވެސް އާރިމްއަށް އެނގުނެވެ. ދެން އަދި ނަޝާގެ ވާހަކަ ބުނެފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އެހެންކަމުން އާރިމް ނިންމީ ސީދާ ބައްޕައާ ބައްދަލުކޮށްފައި އެވާހަކަ ދައްކާށެވެ. އެހެންކަމުން އޭނާ އިރުކޮޅަކުން އޮފީހަށް ދާނަންކަމާއި އޮފީހަށް ގޮސްފައި ހުރިހާ ސުވާލަކަށް ޖަވާބު ދޭނެކަމުގައި ބުނެފައި ފޯނު ބޭއްވިއެވެ. ނަޝާ ކައިރީގައި ކިތަންމެ ގަދަ ހަދާފައި އެންމެން ނުޤަބޫލުވިޔަސް އިންނާނަންކަމުގައި ބުނި ނަމަވެސް ބައްޕައާ ކުރިމަތިލާން ޖެހުމުން އާރިމް ފިނިވާގޮތްވިއެވެ. ބައްޕައަކީ މިއަދާ ހަމައަށް އޭނާ ބުނި ކޮންމެ ކަމެއް ކޮށްދިން މީހެކެވެ. ނަމަވެސް މިހާތަނަށް ބައްޕަމެން އޭނާ ކައިރީގައި އެދުނީ އެންމެ ކަމަކުއެވެ. އެއީ ރަނާއާ ކައިވެނިކުރުމެވެ. އެކަމަކު އެކަންވެސް ހިތުން ރުހުމުން އޭނާއަށް ކޮށްދެވެން ނެތް ވާހަކަ ބުނެފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ބައްޕަމެންގެ ރުހުން އޭނާއަށް ވަރަށް މުހިންމެވެ. ދިރިއުޅުމުގައި މިހާ ހިސާބަށް އޭނާއަށް އާދެވިފައި އެހުރީ އެމީހުންގެ ސަބަބުންކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ