ޖަންނަތު

ޖަންނަތު (27)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

(ސައްބިސް ވަނަ އަދަދާއި ގުޅޭ)

"އެތަނުގައި އެއްވެސް މީހެއް ނެތީމަ އެކަމުގެ ބޭނުން މީނަ ހިފާލީ. މަށަށް އެނގެޔޭ ކަލޭ އެފަކީރަށް ޖެއްސި ޙާލު. އެއްފަހަރު އެކުއްޖާ އަމިއްލައަށް މަރުވާންވެސް އުޅެފި. މަށަށް ހަމަ ޔަޤީން އަހަރެންގެ ދަރިފުޅަށް ގޮތެއް ހެދީ ހަމަ ކަލޭކަން!" ވިދާދާގެ އަޑު ދިޔައީ އިރަކަށްވުރެ އިރެއް ބާރުވަމުންނެވެ. ޖަންނަތު ހުރީ ހަދާނެ ގޮތެއް ނޭނގި ހުއްޓުން އަރާފައެވެ. އަމިއްލަ ދިފާޢުގައި އޭނާގެ ދުލުން އެންމެ ލަފުޒެއްވެސް ނުނިކުތެވެ.

............................................................................................................................................................

"ޖަންނަތު! އެބަ ގޮވާ." ޖަންނަތުގެ ކޮނޑުގައި ކޮށްޓާލުމަށްފަހު ކައިރީގައި އޮތް ޒީނިޔާ ގޮވާލިއެވެ. އެވަގުތު ޚިޔާލުތަކާ ދުރުވެލުމަށްފަހު ލޮލުން ފައިބަމުންދިޔަ ކަރުނަތައް ޖަންނަތު ފޮހެލިއެވެ. އަދި ތެދުވެ ދޮރާ ދިމާއަށް ހިނގައިގަތެވެ. އޭރު ޑިޔުޓީގައި އެވަގުތު ހުރި އެއް އޮފިސަރު ދޮރުމަތީގައި ހުއްޓެވެ.

"ޖަންނަތާ ބައްދަލުކޮށްލަން މީހަކު އައިސް އެބަހުރި." ޖަންނަތު ފެނުމާއެކު އޮފިސަރު ބުންޏެވެ. އެވަގުތު ޖަންނަތު ވަރަށް ޙައިރާންވިއެވެ. ޖަލުގައި އޭނާ މިހޭދަކުރި ފަސްވަރަކަށް މަސްތެރޭގައި އޭނާއާ ބައްދަލުކުރަން އަދި މީހަކު އައިސްފައެއް ނުވެއެވެ. އެކަމާމެދު ވިސްނަމުން އޭނާ އޮފިސަރު ފަހަތުން ހިނގައިގަތެވެ.

ކުރިމަތިން އެވަގުތު މަންމަގެ މޫނު ފެނުމުން ޖަންނަތަށް ހީވީ ހުވަފެނެއް ފެންނަމުންދިޔަހެންނެވެ. ކައިވެންޏަށްފަހު މިއަދާ ހަމައަށް އޭނާއަށް ތަކުރާރުކޮށް ދިމާވަމުންދިޔަ ހިތާމަވެރި ޙާދިސާތަކުގެ ސަބަބުން ދިރިއުޅުމުގައި ދެން އުފަލެއް ލިބިދާނެކަމަށް އޭނާ ކުރަމުންދިޔަ އުންމީދު މިހާރު ވަނީ އެއްކޮށް ކަނޑާލާފައެވެ. އެއްކަމެއް އަބަދު ތަކުރާރުވާނަމަ އެގޮތަށް ދިމާވުމަކީ އިންސާނާގެ ބަލިކަށިކަމުގެ ތެރެއިންވާކަމެކެވެ. އެހެންކަމުން އެވަގުތު މަންމަގެ މޫނު ފެނުންވެގެންދިޔައީ ޖަންނަތުގެ ސިކުނޑިއަށް ބަލައިގަންނަން އުނދަގޫވިކަށެވެ.

"ދަ...ރިފުޅާ...!" މަޑު އާހަކާއެކު ހުސްނާގެ ދުލުން ޖަންނަތަށް ގޮވާލެވުނީ އެފަކީރަށް ޖެހިފައިވާ ޙާލުން ހިތަށްވީ އުނދަގުލެއްގެ ސަބަބުންނެވެ.

"މަންމާ! ތީ ހަމަ އަހަރެންގެ މަންމަތަ؟" ކުރިމަތިން ފެންނަން ހުރީ މަންމަކަން ޤަބޫލުކުރަން ޖަންނަތަށް އަދިވެސް ހުރީ އުނދަގޫވެފައެވެ.

"އާނ ދަރިފުޅާ! މަންމައަށް ދަރިފުޅުގެ ޙާލު ހަމަ އެނގުމާއެކު މަންމަ މިހުރީ ދަރިފުޅާ ބައްދަލުކުރަން އައިސް." ޖަންނަތުގެ މޫނަށާއި ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކަށް ފަރުވާތެރިކަމާއެކު ބަލަމުން ހުސްނާ ވާހަކަދެއްކިއެވެ.

"ދަރިފުޅު މަންމަމެންނާ ގުޅުން ކަނޑާލިޔަސް މަންމަމެން ދަރިފުޅުގެ ޚަބަރެއް ވޭތޯ ވަރަށް މަސައްކަތްކުރިން. ދަރިފުޅު އަރުޝަމްއާ އިންތާ ދުވަސްކޮޅެއް ނުވެ ސީމައްތަމެންވެސް އެގޭ ކުދިންނަށް ކިޔަވައިދޭން ދިރިއުޅުން ލަންކާއަށް ބަދަލުކުރީ. އެހެންވެ އެމީހުންނަށްވެސް ދަރިފުޅު އުޅޭ ނޫޅޭ ތަނެއް ނޭނގުނު. މަންމަމެން ދަރިފުޅާ ބައްދަލުވޭތޯ މާލެވެސް އައިން. އެކަމަކު ދަރިފުޅުގެ އެއްވެސް ޚަބަރެއް ނުލިބުނު. ދުވަސްކޮޅަކުން މިރާން ކޮއްކޮ މާބޮޑަށް ބަލިވާން ފެށީ. އެކަމަށް ބޭސްކުރަން މާލެއައިސް ހެދި ޓެސްޓް ތަކަކުން އެނގުނީ ކޮއްކޮގެ ބޮލުގަ ޓިޔުމަރެއް އިންކަން. ކެންސަރުގެ ފުރަތަމަ ސްޓޭޖްކަން އެގުމާއެކު އަވަހަށް އެންމެން އިނޑިޔާއަށް ދިޔައީ. މިއޮއްހާ ދުވަހު މަންމަމެން އެންމެން ތިބީ އެކޮޅުގަ. ކޮއްކޮގެ ޙާލު ގޯސްކަމުން އެހެން އެއްވެސް ކަމަކާ ނޫޅެވޭ." އެހާ ހިސާބަށް ބުނުމަށްފަހު ހުސްނާ ވާހަކަ މެދުކަނޑާލިއެވެ. އޭރު ދެމައިންގެ ލޮލުންވެސް ހޯސްލާފައި ކަރުނަ ފައިބަމުންދިޔައެވެ.

"މިހާރު ކޮއްކޮގެ ޙާލު ކިހިނެއް؟" ލޮލުން ފައިމުންދިތަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން ޖަންނަތު ސުވާލުކޮށްލިއެވެ.

"މިހާރު ކުރިއަށްވުރެ ރަނގަޅު. އެކަމަކު އަދިވެސް ދައްތައާ ޙަސަންބެ ވީ އެކޮޅުގަ. މަންމައަށް ދަރިފުޅުގެ ޚަބަރު ލިބުނީ ރަށުން ބޭސްފަރުވާއަށް އިންޑިޔާއަށް ދިޔަ ބަޔެއްގެ ފަރާތުން." ޖަންނަތުގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ދެން ހުސްނާ ބޭނުންވީ ކަންތައް ހިނގާދިޔަ ގޮތް އޮޅުން ފިލުވާށެވެ. ހުސްނާއަކީ ހިތްވަރު ގަދަ އަންހެނެކެވެ. މިހާތަނަށް ދިރިއުޅުމުގައި އޭނާއަށް ދިމާވި ހުރިހާ ދަތި އުނދަގުލަކުން އަރައިގަތީ ﷲގެ ވާގިފުޅަށް އެދި، ފަހަތަށް ނުޖެހި ހިތްވަރާއެކު އެކަންކަމާ ކުރިމަތިލައިގެންނެވެ.

ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ޖަންނަތު ހުރިހާ ވާހަކައެއް ކިޔައިދޭންފެށިއެވެ. އެއީ ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ކައިވެންޏަށްފަހު ކަންތައްތައްވަމުން ދިޔަ ގޮތުގެ ޚުލާސާއެއް އޭނާ މަންމައަށް ދިނެވެ. އަދި އަރުޝަމް ވަކިވެގެން ދިޔަ ގޮތާއި ދެން ވީގޮތްވެސް ކިޔައިދިނެވެ.

"އަރުޝަމްގެ ބައްޕައަކީ މާލޭގެ ޤަދަރުވެރިއެއް. އަރުޝަމްގެ މަންމަ ބުނަނީ އަރުޝަމްގެ މުދަލުގެ ދަހިވެތިކަމުގަ އަހަރެން އަރުޝަމް މޫދަށް ގަންބާލީކަމަށް. އަރުޝަމް ފުރަތަމަ ގަނެފައި ހުރި އެޕާރޓްމެންޓް ހުރީ އަހަރެންގެ ނަންމައްޗަށް ރަޖިސްޓްރީ ބަދަލުކޮށްފަ. ދެން ނޭނގެ މަންމާ! އަރުޝަމްގެ ހަށިގަނޑު ނުފެނުމުން އަހަންނަށް ހަދާނެ ގޮތް ހުސްވީ. އޭރު އަހަރެން ހުރީ ކަމަކާމެދު ވިސްނޭވަރަށްވުރެ މާ ނާޒުކު ފައްތަރެއްގަ. އެދަނޑިވަޅު އެމީހުންގެ ނުފޫޒުން އަހަރެން ގެނަސް މިތަނަށް ލީ...." ނުރޯން ހިތްވަރުކުރަމުން ދިޔަ ނަމަވެސް ޖަންނަތަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އަޑުން އަޑުނަގާ އޭނާއަށް ރޮއިގަނެވުނީ އަމިއްލަ ނިކަމެތިކަން އިޙުސާސްވުމުންނެވެ.

"ހިތްވަރުކުރޭ ދަރިފުޅާ! ﷲ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ބުރައެއް ނުޖައްސަވާނެ. އެކަލާނގެ ޙައްޤަށް ނަޞްރުދެއްވާނެ. މަންމަ މިހުރީ އައިހެއްނު. އިރާދަކުރެއްވިއްޔާ މަންމަ ދެން ހުއްޓާލާނީ ދަރިފުޅުގެ ކުށެއް ނެތްކަން ސާބިތުކޮށްދީފަ." ހުސްނާގެ އަޑުގައިވަނީ ސާބިތުކަމެވެ. އެ އަޑު އިވުމުން ޖަންނަތުގެ ހިތުގައިވެސް އުންމީދުގެ ހުޅުކޮޅު ދިއްލުނެވެ. ކިތަންމެ ދުވަހެއް ކެތްކުރަންޖެހުނުނަމަވެސް އޭނާ ދެން ފަހަތަކަށް ނުޖެހޭނެއެވެ.

............................................................................................................................................................

އެއް އަހަރުފަސް

ކައުންސެލަރުގެ ކޮޓަރިން ޖަންނަތު ނުކުތީ އެދުވަހުގެ ސެޝަން ނިންމާލުމަށްފަހުގައެވެ. ހުސްނާ ރަނގަޅު ވަކީލެއް ޢައްޔަންކޮށް ޖަންނަތު ޖަލުން ސަލާމަތްކުރިތާ މިއަދަށް މިވީ ހަތަރު މަހެވެ. ޖަލުން ސަލާމަތްވުމާއެކު ހުސްނާ ބޭނުންވީ ޖަންނަތު ގޮވައިގެން ވަގުތުން އިންޑިޔާއަށް ބަދަލުވާށެވެ. ރަށުގައި ހުންނަ ގެ ކުއްޔަށްދީފައި ހުންނާތީ އެމީހުންނަށް ރަނގަޅު ޢާމްދަނީއެއް ލިބެއެވެ. އަދި ޖަދުވާގެ ފިރިމީހާ ޙަސަން ވަޒީފާ އަދާކުރާ ކުންފުނިން މިރާންގެ ބޭސްފަރުވާއަށް ޚަރަދުކުރަމުންދާތީ އެމީހުންނަށް ދައްޗަކާ ނުލާ އުޅެވޭނެ މަގުވަނީ ފަހިވެފައެވެ. ހުސްނާއާއި ޖަންނަތު އިންޑިޔާއަށް ދިއުމުން ޙަސަންވަނީ ރާއްޖެ އައުމަށްފަހު ވަޒީފާއަށް ނުކުމެފައެވެ. އޭރު މިރާންގެ ޓިޔުމަރުވެސް އެއްކޮށް ނެގުމަށްފަހު ޙާލު ދިޔައީ މަޑުމަޑުން ރަނގަޅުވަމުންނެވެ.

ޖަންނަތު އިންޑިޔާއަށް ފުރުމުގެ ކުރިން އަރުޝަމް އޭނާއަށް ދީފައިހުރި އެޕާރޓްމެންޓްގެ ރަޖިސްޓްރީވަނީ އަރުޝަމްގެ ބައްޕަގެ ނަން މައްޗަށް ބަދަލުކޮށްފައެވެ. އެމީހުން އޭނާއާމެދު ކޮންމެ ގޮތަކަށް ދެކުނުނަމަވެސް އޭނާގެ ހިތް އެމީހުންނަށް ސާފެވެ. އަރުޝަމް އޭނާއާމެދު ހަރުކަށިކޮށް ކަންތައްކޮށްފައިވަނީ އަރުޝަމްގެ ހުރި ނަފްސާނީ ބަލިމަޑުކަމެއްގެ ސަބަބުންނެވެ. އަރުޝަމް ޖަންނަތުދެކެ އިންތިހާއަށް ލޯބިވިއެވެ. ޖަންނަތުވެސް އަރުޝަމްދެކެ ވީ ތެދުވެރި ލޯތްބެކެވެ. އެސަބަބަށްޓަކައި ޖަންނަތު އަބަދުވެސް އަރުޝަމްގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުމަށް އެދި ދުޢާކުރާނެއެވެ.

ދިރިއުޅުމުގައި ދިމާވި ހިތާމަވެރި ޙާދިސާތަކުން ޢިބުރަތްލިބިގަނެ ޖަންނަތު މިހާރު ބޭނުންވަނީ ކުރިއަށްދާށެވެ. ކިޔެވުމުގެ ބާކީބައި އޭނާ ފުރިހަމަކުރަން ޤަސްދުކުރީ އިންޑިޔާއިންނެވެ. ނަފްސާނީގޮތުން ލިބިފައިވާ ގެއްލުންތަކަށް ފަރުވާކޮށް އުންމީދުތައް ފުރިހަމަކުރަން އޭނާ ބޭނުންވެއެވެ. ހިތްވަރުދޭން އޭނާގެ ފަހަތުގައި މަންމައާއި ދައްތަ އަބަދުވެސް ތިބޭނެކަން ޔަޤީނެވެ. ލިބިފައިވާ ހިތާމަތަކަށް ލުޔެއް ލިބެން ވަގުތު ނަގާނެއެވެ. ނަމަވެސް އޭނާ އެހުރީ ކެތްތެރިކަމާއެކު އެހުރިހާ ކަމަކާ ކުރިމަތިލައިގެން ކުރިއަށްދާން ތައްޔާރަށެވެ. އޭނާ ބޭނުންވަނީ އޭނާގެ މަންމަފަދަ ހިތްވަރުގަދަ އަންހެނަކަށްވާށެވެ. ދެން ފަސްއެނބުރި ބެލުމެއްނެތެވެ.

(ނިމުނީ)

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
45

ހިޔާލު

 1. އާބި

  ވަރަށް ރީތި ވާހަކަ އެއް

 2. ޔނޒ

  މިހާތަނައް ކިއުނު އެންމެ ރީތި ވާހަކަމީ ❤

 3. ޢައިޝާ

  ތަފާތު ވާހަކައެެއް. ގެނަސްދީފައިވާ ގޮތް ވަރަށް ފުރިހަމަ..

 4. ޖަންނަތު

  ވަރަށް އިންޓަރެސްޓިންގ ވާހަކައެއް!!!

 5. Name

  Wowww an awesome story

  • nala

   varah reethi vaahaka eh. loved it

 6. ޖަންނަތު

  ވަރަށް ރީތި ވާހަކައެއް. އާ ވާހަކަ އަކަށް އިންތިޒާރު ކުރަން

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް