ޖަންނަތު

ޖަންނަތު (25)

(ސައުވިސް ވަނަ އަދަދާއި ގުޅޭ)

އަރުޝަމް މޫދަށް އެރުމާއެކު ހިޔާ އޮތް ގަހެއްގެ ދަށުގައި ޖަންނަތު އޮށޯވެލިއެވެ. އުޑުމަތި ސާފު އަދި ގަދައަށް އަވިދޭ ދުވަހެއް ނަމަވެސް އަރާމު ވަރަކަށް ވައިޖެހެމުންދިޔައެވެ. އޮށޯވެ ހަމަޖެހިލުމަށްފަހު ޖަންނަތު ލޯމަރާލީ ސިކުނޑިއަށް އަރާމެއް ލިބޭތޯއެވެ. ނަމަވެސް އެހެން އޭނާއަށް އޮވެވުނީ ކުޑަ އިރުކޮޅަކުއެވެ. ކުއްލިއަކަށް ސިއްސައިގެންދިޔައީ މީހެއްގެ ބާރު ހަޅޭކުގެ އަޑަށެވެ.

ކަންފަތުގައި އަޑު ހަމަ ޖެހުމާއެކު ޖަންނަތަށް ކޮޅަށް ތެދުވެވުނެވެ. ފުރަތަމަ އޭނާ ހީކުރީ އިތުރު ބަޔަކު އެރަށުގައި އުޅެނީކަމަށެވެ. އެހެންކަމުން އަޑު އަންނަ ދިމާއެއް ހޯދުމަށްޓަކައި އެކި ދިމަދިމާއަށް ބަލަން ފެށިއެވެ. ނަމަވެސް ކައިރި ހިސާބަކުންވެސް މީހެއްގެ ހިލަމެއް ވާކަށް ނެތެވެ. ދެން އޭނާ ކުއްލިއަކަށް ހަނދާންވީ ކުރީ ދުވަހު އަރުޝަމްއާއި ދާއިންއާ ދެމެދު ދެކެވުނު ވާހަކަތަކެވެ. އަރުޝަމް އަކުނިވަޔަށް ދަމާ ވާހަކައާއި އެތަނުގައި އޮއި ގަދަ ހިސާބެއް އޮންނަކަމަށް ދާއިން ބުނިކަމެވެ. ޖަންނަތު އެކަމާމެދު ވިސްނަން ހުއްޓާ އަނެއްކާވެސް ހަޅޭކުގެ އަޑުއިވުނެވެ. ދެން ޖަންނަތަށް ކުއްލިއަކަށް މޫދާ ދިމާއަށް ބަލައިލެވުނެވެ. އެވަގުތު ތަންކޮޅެއް ދުރުން އަރުޝަމްގެ ދެއަތް ލޮނުގަނޑު މަތިން ޖަންނަތަށް ފެނުނެވެ. ދެން ވީ ގޮތެއް ޚުދު ޖަންނަތަކަށްވެސް ނޭނގުނެވެ. އަޅާ އިތިކޮށް މޫދާ ދިމާއަށް ދުއްވައިގެނެވެނެވެ. އޭރު ކުރިން އިވުނު ހަޅޭކުގެ އަޑެއް ނީވެއެވެ. ނަމަވެސް އޭނާ ގަޔަށް ލެވުނުހާ ބާރެއް ލާފައި ފަތައިގަތީ އަރުޝަމްގެ އަތް ފެނުނު ދިމާއަށެވެ. އެހިސާބުހެން ހީވާ ދިމާއަށް ޖަންނަތު ފަތަމުން ދިޔައެވެ. އަދި އެހިސާބަށް ދެވުމުން ޖަންނަތު އަރުޝަމްއަށް ގޮވަމުން ހޯދަންފެށިއެވެ. ނަމަވެސް އެތައް އިރެއް ވީއިރުވެސް އަރުޝަމްގެ އެއްވެސް ޚަބަރެއް ނުވިއެވެ. އެހެން އުޅެނިކޮށް ވަކި ހިސާބަކުން ތަންކޮޅެއް އޮއި ގަދަހެން ހީވާ ހިސާބެއް ޖަންނަތުގެ ލޮލުގައި އަޅައިގަތެވެ. އޭރު ޖަންނަތު އޮތީ ފަތަފަތާ ވަރުބަލިވެފައެވެ. އޮޔާ ދެކޮޅަށް ފަތާހާ ހިތްވަރެއް އޭރު އޭނާގެ ގަޔަކު ނެތެވެ. ދެން އޭނާއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކަށްވީ ލަސްނުކޮށް އެއްގަމަށް އެރުމަށްފަހު ދާއިންއަށް ގުޅުމެވެ.

ޖަންނަތަށް އެއްގަމަށް އެރުނުއިރު މާނޭވާ ލެވެއެވެ. އޭރު އޭނާ ހުރީ އެނބުރުން އަރައިގެން ވެއްޓެން ކައިރިވެފައެވެ. މުޅި މީހާ ތުރުތުރު އަޅައެވެ. ނަމަވެސް ހިތްވަރުކޮށްފައި ދަބަހުގައި އޮތް ފޯނު ނަގާ އަވަހަށް ދާއިންގެ ފޯނަށް ގުޅަންފެށިއެވެ. އޭރު ލޮލުން ކަރުނަވެސް ފައިބަންފަށައިފިއެވެ. ނަސީބަކުން ދެފަހަރު ރިންގްވާއިރަށް ދާއިން ފޯނު ނަގައިފިއެވެ.

"ދާއިން.....އަރުޝަމް....." ހާސްވެފައި ހުރިވަރުން ޖަންނަތަށް ބުނެވުނީ އެހާވަރަށެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މޫދާ ދިމާއަށެވެ.

"ހަލޯ ޖަންނަތު؟ ހަމަޖެހިބަލަ! އަރުޝަމްއަށް ކިހިނެއްވީ؟" ޖަންނަތުގެ އަޑު އައި ގޮތުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ދާއިންއަށް ނަގައިގަނެވުނެވެ.

"އަރުޝަމް...މޫދު..." ދެންވެސް ޖަންނަތަށް ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އޭރު އޭނާއަށް ގިސްލެވެން ފަށައިފިއެވެ.

"އަހަރެން ވަރަށް އަވަހަށް އެބަ ދަން." އެހެން ބުނުމަށްފަހު ދާއިން ފޯނު ކަނޑާލިއެވެ.

ފަނަރަވަރަކަށް މިނެޓް ފަހުން ދާއިން އައީ އެހެން މީހަކުވެސް ގޮވައިގެންނެވެ. އޭރު ޖަންނަތު އިނީ ގޮނޑުދޮށުގައި އަރުޝަމްގެ އަތް ފެނުނު ދިމާއަށް ބަލަހައްޓައިގެންނެވެ. ކުރިން ފޭބި ކަރުނަތަށް ހުރީ ހިކިފައެވެ. ނަމަވެސް އޭރުވެސް އޭނާއަށް ގިސްލެވެއެވެ.

"ޖަންނަތު އަރުޝަމްއަށް ކިހިނެއްވީތަ؟" ދާއިން އައިސް ޖަންނަތު ކައިރީގައި އުޑަފައިން އިށީނދެލަމުން އަހާލިއެވެ. ޖަންނަތު އޭރު އިނީ ވަރަށް ވަރުބަލިވެފައިކަން މޫނަށް ބަލާލި ކޮންމެ މީހަކަށް އެނގޭނެއެވެ.

"އަރުޝަމް މޫދަށް އެރުނީ.... އިރުކޮޅަކުން ހަޅޭލަވާ އަޑު އިވިގެން ބަލަނިކޮށް.... ދެއަތް ފެނުނު އެކޮޅުން. ދެން އަހަރެން ފަތާފަ ގޮސް ހޯދާހޯދާވެސް ނުފެނުނު.." އަރުޝަމްގެ އަތް ފެނުނު ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޖަންނަތު ކިޔައިދިނެވެ. އެހިސާބަށް ބުނެވޭއިރަށް އަނެއްކާވެސް ޖަންނަތަށް ރޮވެން ފަށައިފިއެވެ.

"އަނެއްކާ އޮއިގަނޑުގަ ޖެހުނީ ނޫންބާ؟ އެސޮރަށް ފަތާކަށް ނޭނގޭތަ؟" ޖަންނަތުގެ ވާހަކަ އަޑުއަހަން ހުރެފައި ދާއިން އާއެކު އައި އިދުރީސް އަހާލިއެވެ.

"ނޫން އެނގޭނެ. އެކަމަކު އޭނަ ބުނި މޫދަށް އެރުނީމަ ވަރަށް އަކުނިވަޔަށް ދަމާ ވާހަކަ." ހާސްވެފައި ދާއިން ބުންޏެވެ.

"އެހެންވީމަ އަކުނިވަޔަށް ދަމައިގަތް ވަގުތު އޮއިގަނޑުގަ ޖެހުނީކަމަށް ވެދާނެ. އަކުނިވަޔަށް ނުދަމާ މީހަކުވެސް އެ އޮއިގަނޑުގަ ޖެހިއްޖެއްޔާ ސަލާމަތްވާން ވަރަށް އުނދަގޫވާނެ. ކިހިނެއް ދެން ހަދާނީ؟ ރަށުގަ ތިބި ފުލުހުންނަށް އަންގަންވީނު؟ އަހަރެމެން ދެމީހުންނަށް އެކަންޏަކު މުޅި މިހިސާބެއް ނުބެލޭނެ." އިދުރީސް އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ.

ރަށު ފުލުސް އޮފީހަށް އެންގުމަށްފަހު ޖަންނަތު ހިޔަލުގައި ބައިންދާފައި ދާއިންއާ އިދުރީސް މޫދަށް އެރުނެވެ. އެމީހުން މޫދަށް އެރުނުތާ މާގިނައިރެއް ނުވެ ފުލުހުންގެ ޓީމެއް އެރަށަށް އަޔެވެ. އަދި ޖަންނަތު ކައިރިން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު އޭގެ ތެރެއިން އެއްބަޔަކު މޫދަށް ފޭބިއެވެ. އެތަނުގައި ހުރި އެންމެ އިސް އޮފިޝަލު މިދުހަތު އެދުނީ ޖަންނަތު ރަށަށް ގޮސް އަރާމުކޮށްލުމަށެވެ. ނަމަވެސް ޖަންނަތު އެގޮތާ އެއްބަހެއް ނުވިއެވެ. އޭނާ ބޭނުންވީ އަރުޝަމްއަށް ވާނުވާ ވީ އެންމެ ކައިރިން ބަލަން ހުންނާށެވެ.

ތިން ގަޑިއިރުވަންދެން މުޅި އެހިސާބު ބެލިއިރުވެސް މޫދަށް ފޭބި މީހުންނަށް އަރުޝަމް ފެންނަ ގޮތެއް ނުވިއެވެ. އޭރު ދާއިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.

"އަޅުގަނޑަށް ފެންނަނީ މާލެއިން އެހީ ހޯދަން. ކޯސްޓްގާޑުގެ އެހީ ލިބުމުން ބޮޑު ސަރަހައްދެއް ބެލޭނެ. މިހާރު އަންގައިފިނަމަ އިރުއޮއްސެންވާއިރަށް އާދެވޭނެހެން ހީވޭ. އިރު އޮއްސިއްޖެނަމަ ހޯދަން ވަރަށް އުނދަގޫވާނެ." މިދުހަތު ވާހަކަދެއްކީ ޖަންނަތު އަދި ދާއިންއާ މުޚާޠިބުކޮށެވެ. އޭރު ޖަންނަތު އިނީ އެއްޗެއް ވިސްނޭވަރަށްވުރެ މާބޮޑަށް ވަރުބަލިވެ ދެރަވެފައެވެ. ރޮއިރޮއި ބޮލަށް ހުރީ ބަރުވާގޮތްވެފައެވެ.

"އެންމެ ރަނގަޅު ގޮތަކަށް ކުރިއަށް ގެންގޮސްދެއްވާ. އަޅުގަނޑު މިހިތަށް އަރަނީ ވައި މަޑު އަދި މިހާ ކަނޑު މަޑުއިރު އެހާ ދުރަށް އޮޔާ ގެންގޮސްދާނެބާއޭ؟" ދާއިން ހިތުގައި އުފެދުނު ސުވާލެއް މިދުހަތާ ކޮށްލިއެވެ.

"ނޭނގެ ތިކަމުގަ ބުނާނެ އެއްޗެއް. އަޅުގަނޑަށް ފެންނަނީ ޖަންނަތު ގޮވައިގެން ދާއިން ރަށަށް ގޮސްލަން. އަޅުގަނޑުމެން ވާނުވާ އަންގާނަން." މިދުހަތު ބުންޏެވެ.

"ޖަންނަތު ލާފަ އަޅުގަނޑު އަންނާނަން." ދާއިން ބޭނުންވީ އެތާ މަޑުކުރާށެވެ.

ދާއިން ޖަންނަތު ގެންދިޔައީ އޭނާގެ ގެއަށެވެ. ދީމްއަށް އައިވީއެއް ދިނުމަށްފަހު ދޫކޮށްލުމުން އޭރު ސާރާވެސް ހުރީ ގޭގައެވެ. ޖަންނަތު ގެންގޮސް އަފީފާގެ ކޮޓަރިއަށް ލާފައި ފެންވަރާލަން ބުނުމަށްފަހު ވެގެން އުޅޭ ގޮތް ސާރާ އަދި އަފީފާއަށް ދާއިން އޮޅުންފިލުވައިދިނެވެ. އަދި ޖަންނަތަށް ރަނގަޅަށް ބެލުމަށް ބުނުމަށްފަހު އަނެއްކާވެސް ފަޅު ރަށަށް ދާން އޭނާ ނުކުތެވެ.

ޖަންނަތުގެ ޚަބަރެއް ނުވެ ގިނައިރުވާން ފެށުމުން ސާރާ ގޮސް ބަލާލިއިރު ޖަންނަތު އޮތީ ފެންވެސް ނުވަރާ ޓައިލްސްމަތީގައި ކުރު ގެޅިގެން އޮށޯވެލައިގެންނެވެ. ދޮރަށް ފުރަގަސްދީގެން އޮތް ނަމަވެސް ޖަންނަތުގެ ކޮނޑު މައްޗަށް އަރައަރާފައި ތިރިވާގޮތުން އޭނާ ރޮނީކަން ސާރާއަށް އެނގުނެވެ. އެހެންކަމުން ޖަންނަތަށް ހިތްވަރު ދިނުމަށްޓަކައި ސާރާ މަޑުމަޑުން ގޮސް ޖަންނަތު ކައިރީގައި އިށީނދެލިއެވެ.

"ޖަންނަތު! ތިހެން ނޯވެ ދޭ ފެންވަރާލައިގެން ނުކުމެ ނަމާދުކޮށްލަން. އަރުޝަމް ހެޔޮ ޙާލުގައި ހުއްޓާ ފެނޭތޯ ދުޢާކޮށްލާ. އެނގޭ ވަރަށް ދެރަވާނެކަން. އެކަމަކު ހިތްވަރުކުރަންވާނެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ." ޖަންނަތުގެ ކޮނޑުގައި ފިރުމާލަމުން ސާރާ ހިތްވަރުދިނެވެ.

ސާރާ ދެއްކި ވާހަކަތައް އަޑުއަހަން އޮތުމަށްފަހު ޖަންނަތު ބަސްއަހާ ކުޑަކުއްޖެއްފަދައިން ތެދުވެ ފާޚާނާއަށް ވަނެވެ. ފެން މާގަނޑު ދޫކޮށްލި އަޑު އިވުމުން ސާރާ ތެދުވެ އަފީފާ ނަމާދުކުރަން ގެނގުޅޭ މުސައްލަ ޤިބުލައަށް ވާގޮތަށް ފަތުރާލިއެވެ. އަދި ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ދީމްއަށް ނިދިފައި އޮތުމުން ސާރާ ގޮސް ޖަންނަތަށް ކާއެއްޗެއް ތައްޔާރުކޮށްލިއެވެ. އެއަށްފަހު ގޮސް މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލިއިރު ޖަންނަތު އިނީ މުސައްލަ މަތީގައި ދުޢާ އަށް ދެއަތް ނަގައިގެންނެވެ. އެހެން އިން އިރުވެސް އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުންދިޔައެވެ. އެމަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ ހިލޭނެއެވެ.

ޖަންނަތަށް ވަގުތުދީފައި ސާރާ ގޮސް ސިޓިންގ ރޫމް ސޯފާގައި އިށީނދެލިއެވެ. އޭރު އަފީފާވެސް އެތަނުގައި އިނެވެ. ސާރާގެ ފޯނަށް ދާއިން ގުޅަންފެށީ އެވަގުތުއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ