ޖަންނަތު

ޖަންނަތު (26)

(ފަންސަވީސް ވަނަ އަދަދާއި ގުޅޭ)

ދީމްއަށް ނިދިފައި އޮތުމުން ސާރާ ގޮސް ޖަންނަތަށް ކާއެއްޗެއް ތައްޔާރުކޮށްލިއެވެ. އެއަށްފަހު ގޮސް މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލިއިރު ޖަންނަތު އިނީ މުސައްލަ މަތީގައި ދުޢާ އަށް ދެއަތް ނަގައިގެންނެވެ. އެހެން އިން އިރުވެސް އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުންދިޔައެވެ. އެމަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ ހިލޭނެއެވެ.

ޖަންނަތަށް ވަގުތުދީފައި ސާރާ ގޮސް ސިޓިންގ ރޫމް ސޯފާގައި އިށީނދެލިއެވެ. އޭރު އަފީފާވެސް އެތަނުގައި އިނެވެ. ސާރާގެ ފޯނަށް ދާއިން ގުޅަންފެށީ އެވަގުތުއެވެ.

"ޖަންނަތު ކޮބާ؟" ސާރާ ހަމަ ފޯނު ނެގުމާއެކު ދާއިން އަހާލިއެވެ.

"އެބައިން ނަމާދުކުރަން. އަރުޝަމްގެ ޚަބަރެއް ވެއްޖެތަ؟" ދާއިންގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ސާރާވެސް ސުވާލެއް ކޮށްލިއެވެ.

"ނޫން. އަދި އަލިމަގެއް ފެންނަ ގޮތެއް ނުވޭ. މިހާރު މާލެއިންވެސް ޓީމެއް އަތުވެއްޖެ. އިރާދަކުރެއްވިއްޔާ ލަސްނުވެ ދެން ފެނިދާނެ. ޖަންނަތަށް ބަލާތި އިނގޭ." ސާރާގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ދާއިން ފޯނު ބޭއްވިއެވެ.

އަނެއްކާވެސް ސާރާ ގޮސް އަފީފާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭރު ޖަންނަތު އިނީ ނަމާދުކުރަން އެޅި ދޮޅިވެސް ނުބާލާ ފާރުގައި ލެނގިލައިގެންނެވެ. އޭރު ލޮލުން ކަރުނައެއް ނުފައިބައެވެ. ނަމަވެސް އޭނާ އިނީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައެވެ.

"ޖަންނަތު! އާދޭ އެއްޗެއް ކާލަން." ސާރާ ގޮސް މަޑުމަޑުން ޖަންނަތުގެ ކޮނޑުގައި ފިރުމާލަމުން ބުންޏެވެ. އެވަގުތު ޖަންނަތަށް ބަނޑުހައިހޫނުކަމުގެ އިޙުސާސް ކުރެވުނެވެ. ހެނދުނުއްސުރެ އޭނާ އެހުރީ އަދި އެއްވެސް އެއްޗެއް ނުކައެވެ. ސާރާ އެހެން ބުނުމާއެކު ދޮޅި ބާލާފައި ޖަންނަތު ތެދުވިއެވެ.

ކާން އިން ގަޑީގައި އަފީފާވެސް ޖަންނަތު ކައިރީގައި އިނެވެ. އަފީފާ ޖަންނަތަށް ހިތްވަރު ދިނުމުގެ ގޮތުން އެކި ވާހަކަ ދެއްކިއެވެ. ސާރާވެސް ވަރަށް ހިތްވަރު ދިނެވެ. އަރުޝަމްގެ ޚަބަރެއް އަދި ނުވާކަމާއި ނަމަވެސް މާލެއިން ޓީމެއް އައިސް އިތުރު ސަރަޙައްދުތައް ބަލަމުންދާކަމުގެ ޚަބަރު ސާރާ ދިނެވެ.

"އެކޮއިވާނެއެއްނު އަރުޝަމްގެ މަންމަމެންނަށް މިކަން އަންގަން." ސާރާގެ ވާހަކަ ނިމުމުން އަފީފާ ބުންޏެވެ. އަރުޝަމްގެ މަންމައާއި ބައްޕަ މަތިން ޖަންނަތު ހަނދާންވީ އެވަގުތުއެވެ.

"ޖަންނަތަށް ބުނަން އުނދަގުލީއްޔާ ގުޅާފަ އަހަރެން އަތަށް ދީ. އޭރުން އަހަރެން ބުނާނަން." އެވަގުތު ޖަންނަތުގެ މޫނަށް އަރާ ފޭބި ކުލަވަރު ފެނުމުން ސާރާ ބުންޏެވެ. ޖަންނަތު ނުބުނި ނަމަވެސް އަރުޝަމްގެ މައިންބަފައިން ކައިރީގައި އެމީހުންގެ ދަރިފުޅު ގެއްލިގެން އުޅޭ ވާހަކަ ބުނުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ސާރާއަށް ވިސްނެއެވެ.

ޖަންނަތު ވަރަށް ހިތްވަރުކޮށްފައި ވިދާދާގެ ނަންބަރަށް ގުޅާލިއެވެ. ވޭތުވެދިޔަ ތަނުގައި އެދެމީހުންގެ ދެމެދުގައި ހިނގާފައި ހުރި ކަންކަމުގެ ސަބަބުން ގުޅުން ހީނަރުވެފައިވީނަމަވެސް މިއީ ކޮންމެހެންވެސް ވިދާދާއަށް އެނގެންޖެހޭނެ ކަމެއްކަން ޖަންނަތު ޤަބޫލުކުރެއެވެ.

ސާރާގެ ވާހަކަ އަޑުއިވުމުން ވިދާދާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަރުޝަމަކީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަދި އެއީ ވިދާދާގެ ދެލޮލުގެ ނޫރެވެ. ފޯނުކޯލު ހަމަ ނިމުމާއެކު ވިދާދާ އަވަސްވެގަތީ ފިރިމީހާއަށް އެ ޚަބަރު ދިނުމަށެވެ. އަދި ހަމަ ވަގުތުން ފުރައިގެން އެރަށަށް ދާން އޭނާ ބޭނުންވިއެވެ.

އެރޭ ހަތަރުދަމު ޖަންނަތަށް އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ. އިރުއިރުކޮޅުން އޭނާގެ ލޮލަށް ކަރުނަ ޖަމާވެއެވެ. އެކި ޚިޔާލުތައް އައިސް ވަށާލުމުން ބޯ ހާސްވެގެން ބައެއް ފަހަރު އޭނާއަށް ބޮލުގައި ބާރަށް ހިފަހައްޓާލެވެއެވެ. އަރުޝަމްއަށް ގޮތެއްވެއްޖެނަމަ ދެން އޭނާ ހަދާނީ ކިހިނެއްހެއްޔެވެ؟ އެހާ ހިސާބުން ދެން އޭނާގެ ދިރިއުޅުން ބަދަލުވެގެންދާނީ ކޮން ގޮތަކަށްބާއެވެ؟ ކައިވެންޏަށްފަހު އޭނާ އުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކޭ ނުބުނެވޭނެއެވެ. ބަންދުވެފައިވާ ގައިދުހާނާއިން ސަލާމަތްވާންއުޅޭކަމުގެ އިޙުސާސްވެސް އޭނާއަށް ކުރެވެމުންދިޔައެވެ. ނަމަވެސް އެހެން ހިތަށް އެރުމަކީ އަނެއްކާ ފާފައަކަށްވެދާނެބާއެވެ؟ އެވަގުތު އޭނާއަށް ދެފަރާތަށް ބޯހޫރާލެވުނީ ގަސްދަކާނުލައެވެ. އެހެނަސް އެއީ ކަން އޮތް ގޮތެވެ. ފަހަކަށް އައިސް އޭނާ އުޅެމުންދިޔައީ ކޮށްޓެއްގައެވެ. މީހަކާ އަނގައިން ބުނުމުގެ ހުއްދަ ނެތްތާނގައި މިނިވަންކަމާއެކު ބޭރަށް ނުކުމެ އުޅުމުންވެސް އޭނާ ހުރީ މަޙުރޫމްވެފައެވެ. އަރުޝަމް ނެތްނަމަ އޭނާއަށް އެކަންކަމުން މިންޖުވެވޭނެއެވެ. އެކަންވާނީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްކަން ގައިމެވެ. ނަމަވެސް ދެބަސްވެވެން ނެތް ޙަޤީޤަތަކީ އަރުޝަމް ޖަންނަތު ދެކެ އިންތިހާއަށް ލޯބިވިކަމެވެ. އަރުޝަމް ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އެކަމަކީ ޚުދު ޖަންނަތުވެސް ޤަބޫލުކުރާ ކަމެކެވެ.

ޖެހިގެން އައި ދުވަހު ވަރަށް ހެނދުނު ވިދާދާއާއި އަރުޝަމްގެ ބައްޕަ ޖަލާލު އެރަށަށް އަޔެވެ. އެމީހުން ތިބީ އެރަށު ގެސްޓް ހައުސްއެއްގައެވެ. ޖަލާލަކީ މާލޭގެ ޤަދަރުވެރިއެއްކަމުން ޕޮލިހުންގެ ތެރޭގައާއި ސިފައިންގެ ތެރޭގައިވެސް އޭނާގެ ރައްޓެހިން ވަރަށް ގިނައެވެ. އެހެންކަމުން އެކި މީހުންނާ ގުޅައިގެން އޭނާވެސް ދިޔައީ އެކަމަށް އިތުރު އެހީތެރިކަން ލިބޭތޯ މަސައްކަތްކުރަމުންނެވެ. އެދެމަފިރިން އެރަށަށް އައި ނަމަވެސް ޖަންނަތާ ބައްދަލުކުރާކަށް އެމީހުން ނުދެއެވެ. އެމީހުން ޚަބަރުތައް ހޯދަމުން ދިޔައީ ދާއިންއާ ގުޅައިގެންނެވެ. ވިދާދާގެ ލޮލުން ކަރުން ހިކޭތަނެއް ނާދެއެވެ. އޭނާގެ ކަމަކީ ނަމާދުކޮށް ދުޢާކުރުމެވެ. އަރުޝަމްއަކީ އޭނާގެ ހިތުގެ އެއްފަޅިއެވެ.

އަފީފާއާ ސާރާގެ އެހީގައި ޖަންނަތުވެސް ތެދުވެ އުޅެއެވެ. އޭނާގެ ލޮލުން މިހާރު އެއްވެސް ވަރަކަށް ކަރުނަޔެއް ނާދެއެވެ. ހީވަނީ ރޮއިރޮއި ކަރުނަ ހުސްވެފައިވާހެންނެވެ. ކާން ނޫނީ އޭނާ ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ. ނަމަވެސް އެހެން ނުކުތެއްކަމަކު އޭނާ މީހުންނާ އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކައެވެ. އޭނާ އިންނަނީ ގަބު އަރާފައެވެ. އެއް ދިމާއަކަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި އެތައް އިރަކު އިނދެއެވެ.

ހަފްތާއެއްވަންދެން ކޯސްޓްގާރޑްގެ ހެލިކޮޕްޓަރުގެ އެހީގައާއި އެހެނިހެން އުޅަނދުތަކުގެ އެހީގައި އެހިސާބުގެ ކަނޑުގެ ބޮޑު ސަރަޙައްދަކާއި، ކައިރި ފަޅު ރަށްތަކާއި، މީހުން އުޅޭ ރަށްތައް ބެލިބެލުމުންވެސް އަރުޝަމްގެ ހަށިގަނޑު ފެންނަ ގޮތެއް ނުވިއެވެ. ނޫސް މަޖައްލާތަކާއި، ޓީވީ، ރޭޑިޔޯ އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަރުޝަމް ގެއްލުނު ވާހަކަ ހިއްސާކުރަމުން ދިޔައެވެ. ކަނޑުމަތިން ނުވަތަ އެއްގަމުންވިޔަސް އަރުޝަމްގެ ހަށިގަނޑު ފެނިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް އިރުޝާދު ދެމުން ދިޔައެވެ.

ޖަލާލުގެ އެދުމުގެ މަތިން އަރުޝަމް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރެވެމުންދިޔައެވެ. އޭނާއަށްވެސް ލޮލުފިޔައެއް ނުޖެހެއެވެ. އަރުޝަމްއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަރުޝަމް ކަމަކަށް އެދިއްޖެނަމަ އޭނާ ފަސްޖެހުމެއް ނެތި އެކަމެއް ކޮށްދެމުންދިޔައީ އަރުޝަމްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ވިދާދާއާ ދެކޮޅަށްވެސް އޭނާ ހުންނާނީ އަރުޝަމްއަށް ކިތަންމެ ކަމެއް ކޮށްދީފައެވެ. އަރުޝަމްއަކީ އޭނާ ފަޚުރުވެރިވާފަދަ ދަރިއެކެވެ.

ކުރިން އަރުޝަމް ފެންނާނެކަމަށް އުންމީދު ކުރެވުނު ނަމަވެސް ގިނަ ދުވަސްވަމުން ދިޔަ ވަރަކަށް ޖަންނަތުގެ އުންމީދުގެ ހުޅުކޮޅު ދިޔައީ ފަނޑުވަމުންނެވެ. ބޮލުގައި ނުފިލާ ރިހުމެއް ހުންނާތީ ޖަންނަތު އޮންނަނީ އަބަދު އޮށޯވެއެވެ. އެހެން އޮންނައިރުވެސް އޭނާ ދިޔައީ ހިތާހިތާ ދުޢާ ކުރަމުންނެވެ. ހުރިހާ ކަމެއް ރަނގަޅަށް ވުމަށެވެ. ކޮންމެ ކަމެއްގެ ފަހަތުގައިވެސް ހެވެއް އޮންނާނެކަން އޭނާގެ މަންމަ ވަނީ ބުނެދީފައެވެ. އެހެންކަމުން ކޮންމެ ގޮތަކަށް އެކަން ނިމުނުނަމަވެސްސް އޭނާ ޤަބޫލުކުރާނީ އެއީ އެންމެ ރަނގަޅަކަށްވީކަމެއްކަމުގައެވެ.

"ޖަންނަތު ހޯދަން އަރުޝަމްގެ މަންމަ އައިސް އެބައިން. ނުކުމެލަންވީނު." ޖަންނަތު ދޮރާ ފުރަގަސްދީގެން އެނދުގައި އޮށޯވެލައިގެން އޮއްވާ ސާރާ އައިސް ބުންޏެވެ. އެވަގުތު ޖަންނަތުގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. މިފަހަރު ވިދާދާ ކިޔާނީ ކީކޭބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.

ވަރަށް ހިތްވަރުކޮށްފައި އެނދުން ތެދުވެ ހޭވިފައިވާ ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލައިގެން ޖަންނަތު ކޮޓަރިން ނުކުތެވެ. އޭރު ސިޓިންގ ރޫމް ސޯފާއެއްގައި ވިދާދާ އިށީނދެލައިގެން އިނެވެ. އަފީފާވެސް އެތަނުގައި މިރާން އުރާލައިގެން ހުއްޓެވެ. ވިދާދާގެ މޫނުމަތި ފެނުމުން އެމޫނު މިލާފައިވާ ވަރު ޖަންނަތަށް ފާހަގަކުރެވުނެވެ. ވިދާދާ އަރުޝަމްދެކެ ވާ ލޯބި ޖަންނަތަށް އޮޅިފައެއް ނެތެވެ. އެހެންކަމުން އޭނާ ދެރަވާނޭވަރު ޖަންނަތަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޖަންނަތު ހަމަ ފެނުމާއެކު ވިދާދާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ.

"މިއީ ހަމަ މި އަންހެނާގެ ސުންޕާކަން! އަހަރެންގެ ދަރިފުޅާ މި އަންހެނާ ކައިރިވިފަހުން އެފަކީރަށް އެއްވެސް ހަމަޖެހުމެއް ނުލިބޭ. އަބަދު ހުންނަނީ ކޮންމެވެސް ކަމަކާ ފިކުރުކޮށްކޮށް. އެކަމަކު އެކުއްޖާ މީނަ ގެންގުޅުނީ ކިހިނެއް؟ ރަނިކަނބަލެއްހެން... އެކަމަކު މީނައަށް އެވަރު ނުވިސްނުނު. މަށަށް ހަމަ ޔަޤީން މިއީ މި ސުންޕާ ކޮށްގެން އުޅޭ ކަމެއްކަން. ރަނގަޅަށް ބުނޭ! އަހަރެންގެ ދަރިފުޅަށް ކަލޭ ކީއްކޮށްގެން ތިއުޅެނީ؟" ވިދާދާ ހީވީ ޖަންނަތުގެ ބޮލުގެ އިސްތަށިގަނޑަށް ދަމައިގަންނަން އުޅުނުހެންނެވެ. ބާރު ބާރަށް އައި ގޮތަށް ޖަންނަތާ ދިމާއަށް އަތް އުކައުކާފައި ހަޅޭލަވަން ފެށީ އެތަނުގައި ތިބި މީހުންނަށްވެސް ބަލާލުމެއް ނެތިއެވެ.

"އެތަނުގައި އެއްވެސް މީހެއް ނެތީމަ އެކަމުގެ ބޭނުން މީނަ ހިފާލީ. މަށަށް އެނގެޔޭ ކަލޭ އެފަކީރަށް ޖެއްސި ޙާލު. އެއްފަހަރު އެކުއްޖާ އަމިއްލައަށް މަރުވާންވެސް އުޅެފި. މަށަށް ހަމަ ޔަޤީން އަހަރެންގެ ދަރިފުޅަށް ގޮތެއް ހެދީ ހަމަ ކަލޭކަން!" ވިދާދާގެ އަޑު ދިޔައީ އިރަކަށްވުރެ އިރެއް ބާރުވަމުންނެވެ. ޖަންނަތު ހުރީ ހަދާނެ ގޮތެއް ނޭނގި ހުއްޓުން އަރާފައެވެ. އަމިއްލަ ދިފާޢުގައި އޭނާގެ ދުލުން އެންމެ ލަފުޒެއްވެސް ނުނިކުތެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ