ނޭމާއަށް ކުރާ ރޭޕްގެ ތުޙުމަތުތަކާއި ގުޅިގެން ނޭމާގެ ކުށެއް ނެތްކަން ހާމަކުރުމަށް ވަޓްސްއެޕްގެ މެސެޖްތައް ހާމަކޮށްފިއެވެ.
އުމުރުން 27 އަހަރުގެ ނޭމާއާ ގުޅޭގޮތުން ހުށަހެޅުނު ރޭޕްގެ މައްސަލައިވާ ގޮތުން ނޭމާއާ އެ އަންހެން މީހާއާ ދިމާވީ އިންސްޓަގްރާމުންނެވެ. އަދި ނޭމާ އެ އަންހެން މީހާ ޕެރިހަށް އައުމަށް ޓިކެޓް ނަގައިދިނުމަށް ފަހު އެ ދެ މީހުން ބައްދަލުކުރީ ޕެރިހުގައި ހުންނަ ހޮޓެލް ސޮފިޓެލްގައެވެ. މިދިޔަ މަހު 15 ވަނަ ދުވަހު ނޭމާ އެ އަންހެން މީހާއާ ބައްދަލުކުރަން ހޮޓަލަށް ދިޔައިރު ހުރީ މަސްތުގެ ހާލުގައި ކަމަށާއި ނޭމާ ވަނީ އެ ބައްދަލުވުމުގައި އެ އަންހެން މީހާ ރޭޕްކޮށްފައިކަމަށް އެ މައްސަލައިގައިވެއެވެ.
ނޭމާއަށް ކުރާ މިތުޙުމަތުތަކުގައި އޭނާގެ ކުށެއް ނެތްކަން ހާމަކުރުމަށް ނޭމާ އިންސްޓަގްރާމްގައި ހަތް މިނަޓްގެ ވީޑިއޯއެއްވަނީ އާންމުކޮށްފައެވެ. މިވީޑިއޯގައި ނޭމާއާއި މައްސަލަޖެއްސި ބްރެޒިލްގެ އަންހެންމީހާއާއި ދެމެދު ވަޓްސްއެޕްގައި ދެކެވުނު ވާހަކަތަކުގެ ސްކްރީންޝޮޓްތައްވެސް ހިމެނެއެވެ.
މިހާދިސާ ހިނގައިދިޔަގޮތް ހުރިހާމެނަށްވެސް އެބަ އެގެންޖެހޭކަމަށާއި ނޭމާ މިކަހަލަ ޙާލަތަކަށް ވައްޓާލުމުން ދެރަވެ ހިތާމަކުރާކަމަށް ނޭމާ ބުނެފައިވެއެވެ.
" ދުނިޔޭގައި އެބައުޅޭ އަނެކާގެ ފަރާތުން ފައިދާ ހޯދަން އުޅޭ މީހުންވެސް. ކިތަންމެ ޤަބޫލުކުރަން ދަތިވިއަސް މިއީ ޙަޤީގަތަކީ. އަހަރެން މިޙާލަތައް ވައްޓާލުމުން ދިފާޢުގައި އަހަރެންނަށް ވާހަކަދައްކަން މަޖުބޫރުވި " ނޭމާ ބުންޏެވެ.
ވީޑިއޯއިން ފެންނަ ވަޓްސްއެޕްގެ މެސެޖްތަކުންވެސް ނޭމާގެ ކުށެއްނެތްކަން ހާމަވެގެންދާނެކަމަށްވެސް ނޭމާ ބުނެފައިވެއެވެ.
އަދި މިކަމުގެ ސަބަބުން ހިތާމަލިބިގެންދަނީ ނޭމާއަށް އެކަނި ނޫންކަމަށާއި ނޭމާގެ އާޢިލާއަށްވެސް މިކަމުން ބޮޑު އަސަރެއްކުރާނެކަމަށް ނޭމާވަނީ ބުނެފައެވެ. އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯ ހެދިއިރު ހުރީ ދެރަވެ ހިތުގައިޖެހިފައިކަމަށްވެސް ނޭމާވަނީ ބުނެފައެވެ. އަދި މިއީ ނޭމާ ބައްދާލަށް ރާވައިގެން އުޅޭ މަޅިއެއްކަމަށްވެސް ނޭމާވަނީ ބުނެފައެވެ.
ނޭމާ މިހާރު ތައްޔާރުވަމުން އަންނަނީ ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާއަށެވެ. މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 15 ން އަންނަމަހުގެ 8 ގެ ނިޔަލަށެވެ.