2021 ވަނަ އަހަރުގެ ބަޖެޓުގައި ހައުސިން މަޝްރޫއުތަކަށް 716 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި، 34.79 މިލިއަން ރުފިޔާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފައިވަނީ މިއަދުއެވެ.
2021 ވަނަ އަހަރުގެ ބަޖެޓް ހުށައަޅުއްވަމުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ، ފަޚުރުވެރި އާއިލާއެއް ބިނާކޮށް، ޤަދަރުވެރި ދިރިއުޅުމެއް އުޅެވޭ ރައްޔިތެއްކަން ކަށަވަރުކޮށްދިނުމަށް، ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށެވެ.
"މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް، އެފޯޑަބަލް ހައުސިން މަޝްރޫތަކަށް ބޭނުންވާ އިކުއިޓީ ބަޖެޓުން ފޯރުކޮށްދިނުމަށް 2021 ވަނަ އަހަރު ވަނީ ހިމެނިފައި." އަމީރު ވިދާޅުވިއެވެ.
ބަޖެޓް ހުށައަޅުއްވަމުން އަމީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، އައު ހައުސިންގ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށި، އަދި މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމައި ފްލެޓްތައް ހައްޤުވާ ފާރާތްތަކަށް ހަވާލުކުރުން ކަމަށާއި ހައުސިން މަޝްރޫއުތަކަށް ޖުމްލަ 716 މިލިއަން ރުފިޔާ 2021 ވަނަ އަހަރަށް ބަޖެޓުކުރެވިފައިވާނެ ކަމަށެވެ.
އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ކަމަށާއި 2021 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށެވެ.
2020 ގައި ހުށަހެޅި ބަޖެޓަށްވުރެ މިބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.