ބާސެލޯނާ އަދި ސްޕެއިންގެ ޒުވާން ހުނަރުވެރި ފޯވާޑު އަންސޫ ފާޓީއަށް އަނިޔާވެ ހަތަރު މަސްދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
އުމުރުން 18 އަހަރުގެ ފާޓީއަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ރެއަލްބެޓިސްއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗު 5-2 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފައިވާއިރު، ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފާޓީވަނީ މެޗުގެ ފުރަތަމަ ހާފަށް ފަހުގައެވެ.
ފާޓީގެ ކަކުލުގެ އޮޕަރޭޝަން ކޮށްފައިވަނީ އިއްޔެއެވެ. އަދި އޮޕަރޭޝަން ކާމިޔާބުކަންވެސް ބާސެލޯނާއިންވަނީ ހާމަކޮށްފައެވެ.
Keep your head up, @ANSUFATI!https://t.co/cMZs4p3wRN
— FC Barcelona (@FCBarcelona) November 10, 2020
ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފާޓީ މިސީޒަންގައި ބާސެލޯނާއަށް މިހާތަނަށް ކުޅެދިން 10 މެޗުން 5 ލަނޑު ޖަހައި 2 އެސިސްޓް ހަދާފައިވެއެވެ.
ފާޓީއަކީ ސްޕެއިންގެ ޤައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއެވެ. 95 އަހަރަށްފަހު ފާޓީ މިރެކޯޑު މުގުރާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ޔޫކްރެއިންއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. 4-0 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި އެމެޗުގައި ފާޓީ ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 311 ދުވަހެވެ.
ޒުވާން އުމުރުގައި ގިނަ ރެކޯޑުތަކެއް ހަދަމުން އަންނަ ފާޓީއަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އަދި ލަލީގާގައި ބާސެލޯނާއަށް ލަނޑު ޖަހައިދިން އެންމެ ޒުވާންކުޅުންތެރިޔާގެ އިތުރުން ލަލީގާގެ ތާރީޚުގައި އެއް މެޗެއްގައި ދެ ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަކީވެސް ފާޓީއެވެ.



